މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތިރު މުޙައްމަދުގެ 100 ވަނަ އުފަންދުވާހާއި ދިމާކޮށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އެމަނިކުފާނާއި ބައްދަލުކުރައްވައިފިއެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަރިހަށް ރައީސް މައުމޫން ކުރެއްވި ޒިޔާރަތުގައި ޑރ. މަހާތިރު އުފަންދުވަހުގެ ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ. މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުންގެ އަގުވަޒަންކޮށް ހަނދާންތައް އައު ކުރުމުގެ މަސައްކަތް ކުރައްވާ ޕާރޑަނާ ލީޑާޝިޕް ފައުންޑޭޝަންގައި ބޭއްވި މި ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ޑރ. މަހާތިރުގެ ޚިދުމަތުގެ އަގުވަޒަންކޮށް ދެއްވާ ހަދިޔާއެއްގެ ގޮތުގައި މާލެ ހުކުރު މިސްކިތުގެ މުންނާރުގެ މޮޑެލްއެއް އަރުވާފައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ބޭފުޅުންގެ ވެރިކަމުގެ ދައުރުގެ ހަނދާނތައް އައު ކުރައްވާ މެލޭޝިއާ އަދި ދިވެހިރާއްޖޭގެ ޒަމާންވީ ގާތްގުޅުމަށް އަލިއަޅުވާލައްވާފައެވެ. މީގެ އިތުރުން އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަމާއި ސުލްޙަމަސަލަސްކަން އަދި ފާގަތިކަން ދެމެހެއްޓުމަށް ދެބޭފުޅުން ކުރައްވާ އުއްމީދުތައް ވަނީ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް މައުމޫން ވަނީ ޑރ. މަހާތިރު އިސްލާމީ ދުނިޔޭގައި ވިސްނުން ބައްޓަން ކުރުމާއި ހިންގުމުން ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ލާ އިންސާނީ ޢަމަލުތައް ހުއްޓުވުމަށް އިސްލާމީ ޤައުމުތަކުގެ ވެރިން ނުކުޅެދިފާއިވުމާއި މެދު ދެ ބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވާފައިވަނީ މި ވޭތުވެދިޔަ ދުވަސްތަކުގައި މެލޭޝިއާއިން ރާއްޖެއާއި ދެމެދު ބެހެއްޓެވި ގާތްގުޅުމަށް ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މައުމޫން ޑރ. މަހާތިރުގެ އަރިހަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން އަދި ދަރިކަނބަލުން ޔުމްނާ މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް މައުމޫން ޑރ. މަހާތިރުއާއި ބައްދަލުކުރެއްވީ އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުން ގެންދަވާ އަމިއްލަފުޅު ދަތުރުފުޅުގެ ތެރެއިންނެވެ.