މިމަހުގެ 26ވަނަ ދުވަހު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ޓަމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، މި މަސައްކަތުގައި މުޅި ކުންފުނީގެ ހުރިހާ ސްޓާފުން ދަނީ ބައިވެރިވަމުންނެވެ. 5000 އެއްހާ މުވައްޒަފުން އުޅޭ ކުންފުނީގައި، އެކި ޓީމްތަކަށް ބަހާލައިގެން 24 ގަޑިއިރު ދަނީ މަސައްކަތްތައް ކުރަމުންނެވެ.
ކުންފުނީގެ ހިއުމަން ރިސޯސް ޓީމުން އިސްނަގައިގެން ދަނީ، އާ ޓަރމިނަލް ހުޅުވުމުގައި ކުންފުނީގެ މުވައްޒަފުން ޝާމިލުވުން އިތުރުކޮށް، ހިތްވަރުދިނުމުގެ ގޮތުން ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިކަމުގެ ފޯރި އިތުރުކުރުމާއި، ބެރާ ތަފާތު ހަރަކާތްތަކާއެކު އެކިއެކި ޑިޕަރޓްމަންޓްތަކަށް ޒިޔާރަތްކޮށް، ސްޓާފުންގެ މެދުގައި މަސައްކަތުގެ ފޯރު އިތުރުކުރުމުގެ ހަރަކާތްތަކެއް ވަނީ ފަށާފައެވެ.
އަދި ވީއައިއޭގެ ތާރީޚާ އަދި އާ ޓަރމިނަލްގެ މަސައްކަތްތަކާ ގުޅޭ ކުއިޒްތައްވެސް މީގެތެރޭގައި ހިމަނައިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.
ވީއައިއޭގެ އާ ޓަރމިނަލް މަޝްރޫޢު ކުންފުނީގެ ތަޞައްވުރާ އެއްގޮތަށް ކުރިއަށްގެންދިއުމުގައި މުވައްޒަފުން ޕްލެޖެއްގަވެސް ދަނީ ސޮއިކުރަމުންނެވެ. މީގެއިތުރުން މީގެތެރޭގައި ހިމަނައިގެން ސޯޝަލް މީޑިއާ ހަރަކާތްތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.
ވީއައިއޭގެ އާ ޓަރމިނަލްގެ ޚިދުމަތް ފެށުމަށް ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، އެކި މަސައްކަތްތަކަށް ޚާއްސަ ޓީމްތައް ނަގައިގެން ދަނީ މަސައްކަތްކުރަމުންނެވެ. މި މަސައްކަތްތައް ގެންދަނީ އެކަމަށްޓަކާ ޚާއްސަކޮށް އެކުލަވާލާފަވާ "އޮރާޓް" ޓީމުގެ އިރުޞާދުގެ ދަށުންނެވެ.
ވީއައިއޭގެ އާ ޓަރމިނަލްއަކީ އަހަރަކު 7 މިލިއަން ޕެސެންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރުގެ ޓަރމިނަލްއެކެވެ. ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.