ޚަބަރު

މިރެއާއި މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް އޮފީސް


  • ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި

  • މޫސުން އަލިވާނީ އާދީއްތައިގެ ފަހުން

މިރެއާއި މާދަމާ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކޯށް ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. ހުދު ސަމާލު ނެރެފައިވަނީ ހަވީރު 05:30 ހާ ހަމައަށްށެެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިޔަށްއޮތް 24 ގަޑިއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި، ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނަށް އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަަރަކަށް ގަދަވާނެ ކަމަށެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ޏ. ފުވައްމުލަކަށެވެ. އެގޮތުން ފުވައްމުލަކަށް 41.0 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިރެއާއި ހަފްތާ ބަންދުގައި މޫސުން ގޯސް ވީނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން މުސުން ރަނގަޅުވާނެ ކަމަށެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.