90 ޕްލަސްއިން އިސްނަގައިގެން ބާއްވާ ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޓީމުތައް ހޮވުމަށް ބާއްވާ ކޮލިފައިން މުބާރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ މުބާރާތް ހައްދުންމަތީގައި ބާއްވަން ހަމަޖައްސައިފިއެވެ.
ހައްދުންމަތީގެ ރަށްރަށުގެ ޓީމުތަކަށް ހާއްސަކޮށްގެން ބާއްވާ ކޮލިފައިން މުބާރާތް އަންނަ އޯގަސްޓްމަހުގެ އެއްވަނަ ދުވަހު ފެށުމަށް ނިންމާ 90 ޕްލަސްއިން ވަނީ ލ އަތޮޅު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
ރޭ ސްޓަރ ރެސްޓް ރެސްޓޯރެންޓްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން 90 ޕްލަސްގެ ކޯ ފައުންޑަރ އަހުމަދު ޝާޒްލީ ބުނީ 90 ޕްލަސްގެ ހުށަހެޅުމަށް އެންމެ ފުރަތަމަ އިޖާބަދިނީ ލ އަތޮޅު ކައުންސިލުކަމަށާއި، ގޯލްޑްކަޕް ކޮލިފައިންގައި ފުރަތަމަ މުބާރާތް ވަރަށް ފޯރިއާއެކު ހައްދުންމަތީގައި ކުރިޔަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާކަމަށެވެ.
90 ޕްލަސްއާއެކު އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ އެއަތޮޅުގައި ބާއްވާ ލާމަސީލު ލާމު ފުޓްބޯޅަ މުބާރާތް ބާއްވާތާ މިއީ ދެވަނަ އަހަރު ކަމަށާއި، މިއަހަރު އަތޮޅު ކައުންސިލުން ބާއްވާ މި މުބާރާތުން ޗެމްޕިއަންކަން ހޯދާ ޓީމަށް ގޯލްޑްކަޕްގެ ޖާގަ ލިބޭނެ ކަމަށެވެ.
އަދި މިހާތަނަށް ކޮލިފައިންގައި ވާދަކުރުމަށް 8 ޓީމަކުން ކުރިމަތިލާފައިވާކަމަށާއި، އޭގެތެރޭގައި ގަމުން ނިކުންނަ ހަތަރު ޓީމު ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެ ރަށަކަށްވެސް ލިބޭނީ އެއް ޓީމު ނެރުމުގެ ފުރުސަތު ކަމަށާއި، ކުރިޔަށް އޮތްތަނުގައި ކޮންމެ އަހަރަކުވެސް މި މުބާރާތް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
މިއީ ލ. އަތޮޅުގެ ކުޅުންތެރިންނަށް އިސްކަންދީގެން އިންތިޒާމުކޮށްފައި އޮތް މުބާރާތެއް ކަމަށާއި، ގަމުގެ އިތުރުން 5 ރަށަކުން މުއްދަތު ހަމަވިއިރު ކައުންސިލް މުބާރާތުގައި ބައިވެރިވެފައިވާކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"އުންމީދު ކުރަނީ ވަރަށް ފޯރީގައި މުބާރާތް ކުރިޔަށްދާނެކަމަށް. މަސައްކަތް ކުރާނީ ވީހާވެސް ރަނގަޅަށް ކުޅިވަރުގެ ރޫހާއި އެއްގޮތަށް ކުރިޔަށް ގެންދިއުމަށް. އަދި 90 ޕްލަސްގެ ގަވާއިދުގައި ހަމަޖެހިފައި އޮތް ގޮތަށް މާލޭގައި އޮންނަ މުބާރާތަށް ޓީމުގެ ކުޅުންތެރިން ބަދަލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ " ކަމަށް އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
90 ޕްލަސް ގޯލްޑްކަޕްގެ މިއަހަރުގެ ކޮންސެޕްޓްގައި އޮތީ ހުރިހާ އަތޮޅެއްގައި ކޮލިފައިން މުބާރާތް ކުޅުމަށްފަހު ކޮންމެ އަތޮޅެއްގެ ޗެމްޕިއަން ޓީމަށް މާލޭގައި ކުޅޭ ފައިނަލް ބުރުން ފުރުސަތުދޭގޮތަށެވެ. އަދި މިދިޔަ އަހަރު ކުޅުނު ޓީމުތަކުގެ ތެރެއިން ގަދަ 8 ޓީމާއި ސިޓީތަކުގެ ޓީމުތަކާއެކު ޖުމްލަ 28 ޓީމަށް މިއަހަރުގެ ފައިނަލް ބުރުގައި މާލޭގައި ކުޅުމުގެ ފުރުސަތު ދިނުމަށް 90 ޕްލަސްއިން ވަނީ ނިންމާފައެވެ.
ޝާޒްލީ ވިދާޅުވީ މިއަހަރު މާލޭގައި ބާއްވާ ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކުރިޔަށްދާނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ބައިވެރިވުމާއި އެކުގައިކަމަށެވެ.
"ވަރަށް ބޮޑަށް އެފްއޭގެ އެހީތެރިކަން ބޭނުންވާނެ. އަޅުގަނޑުމެން މި މުބާރާތް ބާއްވާނީ އެފްއޭއެމްގެ ކަލަންޑަރު ނިކުތީމަ އޮފް ސީޒަނާއި ދިމާކޮށް މުބާރާތުގެ ފައިނަލް ރައުންޑް މާލޭގައި" ޝާޒްލީ ވިދާޅުވިއެވެ.
ޝާޒްލީ ވިދާޅުވީ އުންމީދު ކުރަނީ ވީހާވެސް އަވަހަށް އިތުރު އަތޮޅުތަކާއިއެކު ކޮލިފައިން މުބާރާތްތައް ބޭއްވުމަށް ހަމަޖެހިގެންގޮސް، މުބާރާތްތައް ބާއްވާނެ ތާރީހުތައް ހަމަޖެހޭނެ ކަމަށެވެ. އަދި އަތޮޅުތެރޭގައި ފަރިތަކުރުންތައް ބާއްވާ ޓީމުތަކުން ރަނގަޅަށް މުބާރާތަށް ތައްޔަރުވެވޭނެ ކަމަށެވެ.
ޝާޒްލީ ވިދާޅުވީ މިއަހަރުގެ ގޯލްޑްކަޕްގައި ރަނގަޅު ޓީމުތަކެއް މާލޭގައި ބާއްވާ ފައިނަލް ރައުންޑުގައި ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.
"އަލުން ދަނޑަށް" މިޝިއާރުގެ ދަށުން މިދިޔައަހަރު 90 ޕްލަސްއިން އިސްނަގައިގެން ބޭއްވި ފުޓްބޯޅަ މުބާރާތަކީ ރާއްޖޭގައި ހުއްޓިފައިއޮތް ފުޓްބޯޅައަށް ދިރުން ގެނެސްދީ ސަޕޯޓަރުންގެ ފޯރި އިތުރުވެގެން ދިޔަ މުބާރާތެކެވެ. މިދިޔަ އަހަރު ގޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ އައްޑޫ ސިޓީ ބަލިކޮށް ބ. އޭދަފުއްޓެވެ.