ބާސެލޯނާގެ ގޯލްކީޕަރު ވޮޝްނިއާ ޝެޒްނީ ކޮންޓްރެކްޓް އައުކޮށްފި އެވެ.
އެއްވަނަ ކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާސްޓެގަން އަށް އަނިޔާވުމުން ޝެޒްނީ ބާސެލޯނާއާ ގުޅުނީ ހުސްވި ސީޒަނުގެ ކުރީކޮޅު އެވެ. އޭރު އޭނާ ހުރީ ރިޓަޔާކޮށްގެންނެވެ. ނަމަވެސް ސީޒަނުގެ މެދުތެރެއިން ފެށިގެން އެއްވަނަ ކީޕަރުކަން އަދާކުރީ އިނާކީ ޕެންޔާ ފަހަތަށް ލުމަށްފަހު ޝެޒްނީ އެވެ. ޕޮލެންޑްގެ ކުރީގެ ގައުމީ ކީޕަރު ވަނީ އޭނާ ގޯލުގައި ހުރެގެން ތިން ތަށި ހޯދައިދީފަ އެވެ. އެއީ ސްޕެނިޝް ކަޕާއި ސްޕެނިޝް ލީގު އަދި ސްޕެނިޝް ސުޕަ ކަޕެވެ.
އުމުރުން 34 އަހަރުގެ ޝެޒްނީ ކޮންޓްރެކްޓް އާކުރުމުން އެންމެ ބޮޑު ސުވާލުމާކެއް އަނެއްކާ ވެސް އުފެދިފައިވަނީ ކެޕްޓަން 33 އަހަރުގެ ޓާސްޓެގަންގެ ކުރިމަގާ އެވެ. ބާސެލޯނާއިން ބޭނުންވަނީ އޭނާ ކުލަބު ދޫކޮށް ދިއުމަށެވެ. އެއީ އެ ޓީމަށް އެސްޕަނިޔޯލްގެ ޒުވާން ކީޕަރު ޖޯން ގާސިއާ ގެނެސްފައިވުމުންނެވެ. ގާސިއާ އަކީ ހުސްވި ސީޒަނުގައި ސްޕޭނުގައި އެންމެ މޮޅަށް ކުޅުނު އެއް ކީޕަރެވެ.
ޝެޒްނީ ކޮންޓްރެކްޓް އާ ކުރި ނަމަވެސް އޭނާ އަށް ދެން ފުރުސަތު ލިބޭނީ ބެންޗުންނެވެ. އޭނާ ކޮންޓްރެކްޓް އާ ކުރީ ވެސް އެކަން އެނގި ހުރެ އެވެ. އެއީ ގާސިއާ އަށް އެއްވަނަ ކީޕަރުކަން ދޭން ބާސެލޯނާގެ މެނޭޖްމަންޓުން ވިސްނާފައިވުމުންނެވެ. ހުސްވި 10 އަހަރު އެ ޓީމަށް ކުޅުނު ޓާސްޓެގަން ވިއްކާލަން ބާސެލޯނާއިން ބޭނުންވަނީ އޭނާ އަށް ގާތްގާތުގައި އަނިޔާވުމާއި ނުކުޅެ ހުންނަން ޖެހޭ ދުވަސްތައް ގިނަވުމުންނެވެ. ނަމަވެސް ޖަރުމަނުގެ ގައުމީ ކީޕަރު އަދި ހުރީ ކުލަބު ދޫކޮށް ދާ ގޮތަކަށް ނޫނެވެ.