ޚަބަރު

ދިވެހިބަސް ކުރިއެރުވުމަށް ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަށް ރައީސްގެ ތަޢުރީފު


  • ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ މުދަލަކީ ދިވެހިބަސް

  • ދިވެހިބަސް ކުރިއެރުވުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަށް ރައީސް ތަޢުރީފުކުރެއްވި

ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ދިވެހި ލިޔުންތެރިން ކުރަނީ ޤައުމި މަސައްކަތެއްކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުރީފުކުރައްވައިފިއެވެ.

މިއަދު ފާހަގަކުރާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިރާއްޖެ އުފެދި ނަން ދެވުނީ ދިވެހިބަހުގެ ސަބަބުންކަމަށާއި، ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށެވެ. އަދި އެ ބަހަކީ އެތައް ހާސް އަހަރަކަށް އަމިއްލަވަންތަ މިނިވަން ދައުލަތެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގެ މައިގަނޑު ސަބަބުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިބަސް ކުރިއަރުވައި ދެމެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ ޤައުމީ ޒިންމާއަށް ތަޢުރީފުކުރައްވާފައެވެ. އަދި ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެމަނިކުފާނު ފޮނުއްވެވިއެވެ.

ދިވެހި ލިޔުންތެރިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޤައުމެއް ތަރައްޤީވެ ކުރިއަރާ ދިއުމުގައި ޢާންމު އަޚުލާޤު ހިފެހެއްޓުމުގައި ލިޔުންތެރިން އަދާކުރާ މުހިންމު ދައުރު އަގުވަޒަންކުރުމެވެ.