ޚަބަރު

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް މިމަހު ނިމޭނެ: އެޗްޑީސީ


  • އައު އިމާރާތް އަޅަނީ 2 ކޯޓަށްވެސް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް

  • މިހާރު ކުރަމުންދަނީ އައު އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް

ހުޅުމާލޭގައި އަޅަމުންދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް މިމަހު ނިމޭނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ މަސައްކަތް ފަށާފައިވަނީ އެ 2 ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ މިހާރު ކުރަމުންދަނީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. އަދި އެ މަސައްކަތް މިމަހު ނިމޭނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ކޯޓުތަކުގެ އައު އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި، މަސައްކަތް އަވަސްކުރެއްވުމަށް އެމަނިކުފާނު ވަނީ އިރުޝާދުވެސް ދެއްވާފައެވެ.

ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުންކަމުގައި، މިއަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ ޖާގައިގެ ދަތިކަމަށް ޙައްލުހޯދުމަށް ހުޅުމާލޭގައި ޢިމާރާތް އަޅަމުންދާއިރު، ކޯޓު ކޮމްޕްލެކްސް ޢިމާރާތްވެސް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.