ކުޅިވަރު

ޖޫނިއާ ޓީމުން ހޯދި ކާމިޔާބީން ނެޓްބޯޅައަށް ބޮޑު އުންމީދެއް ލިބިއްޖެ: ވަޒީރު ރާފިޢު


ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީން މިކުޅިވަރަށް އުންމީދެއް ލިބިއްޖެކަމަށާ، މިކާމިޔާބީގެ ސަބަބުން ނެޓްބޯޅަ އާއިލާއަށް އުފާވެރިކަން ގެނެސްދީފިކަމަށް ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ހޯދި 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމަށް މަރުހަބާ ދެންނެވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ޖޫނިއާ ގައުމީ ޓީމުން މިހޯދި ކާމިޔާބީގެ ސަބަބަބުން ނެޓްބޯޅަ ކުރިއަރަމުންދާކަން ދައްކުވައިދީފިކަމަށެވެ.

21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ނެޓްބޯޅައަށް އުފާވެރިކަން ގެނެސްދިން ދުވަހެއްކަމަށެވެ. އެކި ސަބަބުތަކާ ހުރެ މިމުބާރާތުގައި ރާއްޖެއިން ބައިވެރިނުވާތާ ހަ އަހަރު ދުވަހުގެ ދިގު މުއްދަތަކަށްފަހު ރާއްޖެއިން މުބާރާތާ ކުރިމަތިލާ ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. މިކަމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ޕާކިސްތާނާ ވާދަކޮށް ދެވަނަ ލިބުމަކީ ރާއްޖޭގެ ނެޓްބޯޅައަށް ކުރިއެރުން އަންނަ ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.

"ޔޫތު ނެޓްބޯޅަ ޓީމުން ފާއިތުވެ ދިޔަ މުބާރާތުން ގްރޫޕް ބީގެ ރަނަރަޕްކަން ހޯދައިގެން، ޕާކިސްތާނާ ކުޅެގެން އަޅުގަނޑުމެން ދެވަނައަށް މިދިޔަ ދިއުމަކީ ރާއްޖޭގެ ނެޓްބޯޅައަށް ކުރިއެރުން އަންނަ ކަމުގެ ވަރަށް ބޮޑު އަލިގަދަ ހެއްކެއް. އަދި ރާއްޖޭގެ ރޭންކިންވެސް ހަތަރު ދަރަޖަ އުފުލިގެން މިމުބާރާތުގެ ސަބަބުން އަޅުގަނޑުމެންނަށް މިދިޔައީ" ވަޒީރު ވިދާޅުވިއެވެ.

ޖޫންމަހުގެ 27އިން ޖުލައި މަހުގެ 05 ވަނަ ދުވަހަށް ކޮރެއާގެ ޖޯންޖޫގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ބީގެ ފައިނަލުގައި ވާދަކޮށް ދެވަނަ ހޯދުމާއެކު ނެޓްބޯޅައިގެ އޭޝިއާގެ ޔޫތު ރޭންކިންގައި ރާއްޖެ ހަތަރު ދަރަޖަ މައްޗަށް ޖެހިލާފައެވެ. މީގެ ކުރިން ރާއްޖޭގެ ރޭންކިންއަކީ 11 ވަނަ ކަމަށްވިޔަސް މިމުބާރާތުން ހޯދި ބޮޑު ކާމިޔާބީގެ ސަބަބުން މިހާރު ރާއްޖޭގެ ރޭންކިންވަނީ ހަތް ވަނައަށް އުފުލިފައެވެ. މިކަމަށް އިޝާރާތްކުރައްވަމުން ވަޒީރު ވިދާޅުވީ މިކަމުން ދައްކުވައިދެނީ ނެޓްބޯޅަ އިތުރަށް ފުޅާވެ ކުރިއަރަމުންދާކަން ކަމަށެވެ.

"ރާއްޖޭގެ ރޭންކިންވެސް ހަތަރު ދަރަޖަ އުފުލިގެން މިމުބާރާތުގެ ސަބަބުން އަޅުގަނޑުމެންނަށް މިދިޔައީ، އެހެންވީމަ އަދި ޚާއްސަކޮށް ޔޫތު ޓީމު މިކަހަލަ މުބާރާތަކުން އަޅުގަނޑުމެންނަށް މިފަދަ ވަނައެއް ލިބުމަކީ މިކުޅިވަރު ކުޅޭ އަދި ޚާއްސަކޮށް ނެޓްބޯޅައިގެ ފެމިލީއަށް ވަރަށް އުފާވެރި އަދި ހަމަ މިކުޅިވަރު މިއަށްވުރެ ފުޅާވެގެންދާނެކަމުގެ ވަރަށް ބޮޑު އުންމީދެއް ލިބިގެން ދިޔަ މުބާރާތަކަށް ވެގެން މިދިޔައީ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިމުބާރާތަކީ އަޅުގަނޑުމެންނަށް ވަރަށް ދުވަސްތަކެއް ފަހުން ވަރަށް ބޮޑު ކާމިޔާބީއެއް ލިބިގެންދިޔަ މުބާރާތެކޭ" ޖޫނިއާ ގައުމީ ނެޓްބޯޅަ ޓީމުގެ ކާމިޔާބީއާ ގުޅިގެން ވަޒީރު ވިދާޅުވެފަވެއެވެ.