ޚަބަރު

ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި ޖޫން މަހު 34 މީހަކު ޖޫރިމަނާކޮށްފި


  • ޖޫން މަހު ވޭޕް ބޭނުންކޮށްގެން ޖުމްލަ 18 މީހަކު 97,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ

  • ޖޫން މަހު ވޭޕް އަދި އީ-ސިނގްރޭޓާއި ގުޅުންހުރި ޖުމްލަ 28 މައްސަލަ

ނިމިދިޔަ ޖޫން މަހު ވޭޕާއި ގުޅޭ އެކި މައްސަލަތަކުގައި 34 މީހަކު ޖޫރިމަނާކޮށްފިއެވެ. މިމައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 170،000 ( އެއްލައްކަ ހަތްދިހަހާސް ) ރުފިޔާއަށް އަރާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިދިޔަ ޖޫން މަހުގެ އެކަކުން 31ގެ ނިޔަލަށް ވޭޕް ބޭނުންކޮށްގެން ޖުމްލަ 18 މީހަކު 97,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި ވޭޕް ގެންގުޅެގެން 16 މީހަކު 73,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.

ފުލުހުން ވިދާޅުވީ ޖޫން މަހު ވޭޕް އަދި އީ-ސިނގްރޭޓާއި ގުޅުންހުރި ޖުމްލަ 28 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ޖޫން މަހު ހުށަހެޅުނު ވޭޕް އަދި އީ-ސިނގްރޭޓާއި ގުޅުންހުރި މައްސަލަތައް:

* ވޭޕް އަދި އީ-ސިނގްރޭޓް ގެންގުޅެގެން 22 މައްސަލަ
* ވޭޕް އަދި އީ-ސިނގްރޭޓް ބޭނުން ކޮށްގެން 3 މައްސަލަ
* ވޭޕް އަދި އީ-ސިނގްރޭޓް ވިޔަފާރި ކޮށްގެން 1 މައްސަލަ
* ވޭޕް އަދި އީ-ސިނގްރޭޓާ ގުޅުންހުރި 2 މައްސަލަ

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމާއި ހިލޭބެހުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ 15 ޑިސެންބަރު 2024ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

އަދި މިހާރު ޤާނޫނުގައި އޮންނަ ގޮތުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.

ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ. ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤާނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.