ޚަބަރު

ފުވައްމުލައް ވިމެންސް ޓީ20 ކްރިކެޓް ކަޕް ފަސް ޓީމާއެކު ފަށައިފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ފުވައްމުލަކުގައި ކުރިއަށްގެންދާ 2025 އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ20 ކްރިކެޓް ކަޕުގެ ކުޅުން ފަށައިފިއެވެ.

މިމުބާރާތުގައި ފަސް ޓީމަކުންދަނީ ވާދަކުރަމުންނެވެ. އެއީ ފަތްމިނި، ހަބޭސް، ކަމަނަ، ކުރި ހިއްވަރު އަދި ރަނިންއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މިމުބާރާތް ކުރިއަށްދަނީ ފުވައްމުލަކުގެ ދެ ޕިޗެއްގައި ކޮންމެ ދުވަހަކު ހަތަރު މެޗު ކުޅޭގޮތަށެވެ.

މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މިމުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ސީބީއެމްގެ ރީޖަނަލް ޑެވެލޮޕްމެންޓު މެނޭޖަރ ހަސަން މުތީއު ބުނީ މުބާރާތް ވަރަށް ފޯރިއާއެކު ކުރިއަށްދާކަމަށާ، އެކި އުމުރުފުރާތަކުން މުބާރާތުގައި ވާދަކުރަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި އުމުރުގެ ގޮތުން ވަރަށް ހަގު ކުދިންނާއި، ބެލެނިވެރިންނާ ޓީޗަރުންވެސް ހިމެނޭ ކަމަށާ، މުބާރާތަށް ފުވައްމުލަކުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

"މުބާރާތުގެ ފޯރި ވަރަށް ގަދަ، ހުރިހާ އުމުރެއްގެ ބައިވެރިން އެބަ އުޅޭ މުބާރާތުގަ. އުމުރުން ފަނަރަ ސޯޅަ އަހަރުގެ ކުދިންނާއި ބެލެނިވެރިންނާ، ސްކޫލުގެ ޓީޗަރުންވެސް ދަނީ މިމުބާރާތުގައި ވާދަކުރަމުން" މުތީއު ބުންޏެވެ.

2025 އެޗްއޭއެސް ފުވައްމުލައް ވިމެންސް ޓީ20 ކުރިކެޓު ކަޕުގައި ޖުމްލަ އެގާރަ މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. 65 ބައިވެރިންނާއެކު މި މުބާރާތް ކުރިއަށްގެންދަނީ ހާފިޒް އަހުމަދު ސްކޫލާ ގުޅިގެންނެވެ.