އިންތިޚާބާ ބެހޭ އެކި ކަންކަމާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަތޮޅު ތެރޭގައި ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ދެވަނަ ވަނަ ތަމްރީން ޕްރޮގުރާމް ހދ. ހަނިމާދޫގައި ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހޭލުންތެރިކުރުމުގެ ސިވިކް ޕްރޮގުރާމްތައް ކުރިއަށްގެންދިއުމުގެ ބޭނުމަކީ އިންތިޚާބުގެ ކަންތައްތައް ހިނގާގޮތާއި އިންތިޚާބުގެ މަޤުޞަދާ ގުޅޭގޮތުން މަޢުލޫމާތުދީ ރައްޔިތުން ހޭލުންތެރިކުން ކަމަށެވެ. އަދި ޑިމޮކްރަސީ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުމަށާއި އިންތިޚާބީ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަކީވެސް މަޤުޞަދެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
މި ޕްރޮގުރާމްގެ ތެރެއިން ޑިމޮކްރަސީގެ ތަޢާރަފާއި އަސާސްތަކާއި ދައުލަތުގެ 3 ބާރާއި ޙައްޤުތަކާއި ބައިވެރިވުމާއި ޤައުމިއްޔަތާ ގުޅުންހުރި މަޢުޟޫތަކަށް މަޢުލޫމާތު ދެވޭނެކަމަށް އީސީން ވިދާޅުވިއެވެ. އަދި ޒިންމާ ނެގުމާއި ޖަވާބުދާރީވުމާއި އިންތިޚާބުތަކާއި އިންތިޚާބުތައް ކުރިއަށްގެންދާ ގޮތާއި ގިނަ ސިޔާސީ ޕާޓީ އެކުލެވޭ ނިޒާމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކުރެވޭނެކަމަށްވެސް އެކޮމިޝަނުން ވިދާޅުވިއެވެ.
މި ޕްރޮގުރާމްގައި ހަނިމާދޫއަށް ނިސްބަތްވާ ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ކުންފުނިތަކާއި ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުގައި ހިމެނޭ މީހުންނާއި ޢާންމު ރައްޔިތުން ބައިވެރިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މިފަދަ ސިވިކް ޕްރޮގުރާމެއް މިދިޔަ މޭ މަހުގެ ތެރޭގައި ލ. ފޮނަދޫގައިވެސް ކުރިއަށްގެންގޮސްފައެވެ.