މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި 2 މީހުންގެ މައްޗަށް ދަޢުވާކުރަނީ ނަސޭހަތުގެ އެއްބަސްވުމުގައި ސޮއި ނުކުރުމުންކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކުދި ކުށްކުށުގައި ނަސޭހަތުގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހު، ދަޢުވާ ނުކޮށް، ދޫކޮށްލުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބެއެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 100 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުން އެކުލަވާލުމުގެ ފުރުޞަތު މުޒާހަރާގައި ހައްޔަރުކުރި އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންއަށް ދިން ކަމަށެވެ. ނަމަވެސް އެ 2 މީހުންނަށް ދަޢުވާކުރަން ނިންމީ އެއްބަސްވުމަށް އިންކާރުކުރުމުން ކަމަށާއި އަދިވެސް އެ މީހުން ބޭނުންނަމަ އެއްބަސްވުން އެކުލަވާލުމުގެ ފުރުޞަތު އެބައޮތްކަމަށް ޝަފީއު ވިދާޅުވިއެވެ.
The suspects were offered a Conditional Cautioning Agreement (ނަސޭހަތުގެ އެއްބަސްވުން) under Section 100 of the Criminal Procedure Code, which they declined. This opportunity still remains open. https://t.co/prqIuhI9Ku
— Shafeeu (@ShafeeuAhmedd) July 3, 2025
މުޒާހަރާއާ ގުޅިގެން މަހްޒޫމާއި ޝިމަން ހައްޔަރުކުރުމަށްފަހު، ބަންދުގެ މުއްދަތުވެސް އިތުރުކުރިއެވެ. އަދި މިހާރު އެ 2 މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ. އެ މީހުންގެ ތެރެއިން މަހްޒޫމްގެ މައްޗަށް އަނިޔާއެއް ކުރުމުގެ ދަޢުވާކުރާއިރު، ޝިމަންގެ މައްޗަށް ކުރަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދަޢުވާއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުން ނަސޭހަތްދީ ދޫކޮށްލާނަމަ، ކުށްކުރި މީހާއާއި ޕްރޮސިކިއުޓަރ ޖެނެރަލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.