ޚަބަރު

އައްޑޫގައި ކަފިހި ހުރަސްމަތިން ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހުނު މައްސަލައެއް ބަލަނީ


  • މިހާދިސާ ރިޕޯޓްކޮށްފައިވަނީ މިރޭ 7:24 ގައި

އައްޑޫ ސިޓީ ހިތަދޫގައި ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 7:24 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުން ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރަމުން ދިޔަ އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެންނެވެ.

ފުލުހުން ވިދާޅުވީ، މިއެކްސިޑެންޓުގައި އަނިޔާވި 2 މީހުންނަށްވެސް ފަރުވާ ދިނުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މިދެމީހުންނަށްވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.