ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ތެރެއިން ކުޅުދުއްފުށްޓަކީ މި ސަރަޙަދުގެ އެންމެ އާބާދީ އެންމެ ބޮޑު އެއްރަށެވެ. ކުޅުދުއްފުއްޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނި މެނޭޖްކުރުމުގެ މައްސަލައެވެ. ކުނީގެ ގިނަވުމުންގެ ސަބަބުން ރަށުގެ ސާފްތާހިރުކަން ނެތި، ރަށުގެ ރީތިކަން ވަނީ ގެއްލިފައެވެ.
މިހާރު ކުނިމެނޭޖްކުރުމަށް މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނި އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދު އެއްކޮށް ކަހަލަގޮތަކަށް ފުރިފައިވުމެވެ. މިކަމަށް ހައްލެއް ގެނައުމަށް ރަށު ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކުޅުދުއްފުށި ކައުންސިލް ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަމަށެވެ. އަދި ހުރިހާ ރައްޔިތުން ވެސް ކުނި އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު ބޭނުން ކުރުމަކީ މިކަމަށް ޙަލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ކުޅުދުއްފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި އެރަށު ކައުންސިލާއި ގުޅިގެން މިހާރު ދަނީ ކުނި އެޅުމަށް ޚާއްސަ ބިމެއް ކަނޑައެޅުއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މާ ގިނަ ދުވަހެއް ނުވެ މިމަސައްކަތް ފެށިގެންދާނެކަމަށް އެންވަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވިއެވެ.
ކުނި ރަނގަޅު ގޮތުގައި ނައްތާލުމުގައި ރައްޔިތުންގެ ޒިންމާ ވަރަށް ބޮޑެވެ. އެހެންކަމުން ކޮންމެ ރައްޔިތަކުވެސް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެބަޔަކު އުފައްދާ ކުނި ނައްތާލުމަށް މަސައްކަތް ކުރަންޖެހެއެވެ. އަދި ޤަވައިދާ ހިލާފަށް ރަށުތެރެއަށް ކުނިއެޅުން ފަދަ ކަންތައްތައް ހުއްޓާލަން ޖެހެއެވެ.