ސިއްހަތު

ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީގެ ޚިދުމަތް އޮކްޓޫބަރުގައި ފަށަނީ


ޞިއްޙީ ދާއިރާ، ހަރުދަނާކުރައްވައި، ޞިއްޙީ ނިޒާމްގެ ތެރެއިން ރައްޔިތުންނަށް ،އެކަށީގެންވާ ބޭސްފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މިހާރު އެންމެ ބާރު ސްޕީޑެއްގައި ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޤައުމުގެ މައި ހޮސްޕިޓަލް އައި.ޖީ.އެމް.އެޗް ތަރައްޤީކުރައްވުމުގެ މަސައްކަތެވެ.

އެހޮސްޕިޓަލުން ޚިދްމަތް ލިބިގަންނަ މީހުންގެ އަދަދު އިންތިހާއަށް ގިނަ ވެފައިވާއިރު، އެ އެންމެންނަށް އެއްފުރާޅެއްގެ ދަށުން ޚިދްމަތް ފޯރުކޮށްދެވޭ ފަދަ ގޮތަކައް އައި.ޖީ.އެމްއެޗްގެ އިންފްރާސްޓަރކްޗަރއަށް ބޮޑެތި ބަދަލުގެނެސް ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ދަނީ ގިނަ ގުނަ މަޝްރޫޢުތައް ހިންގަމުންނެވެ.

ހަމައެއާއެކު،ރާއްޖެއިން ބޭރަށް އެކި ބަލިތަކަށް ފަރުވާ ހޯދަންދާ ދިވެހިން ގިނަވެ، ދައުލަތުގެ މާލިއްޔާއިން މިކަމަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުންނާއި، ޢާއްމުން އެޚިދްމަތް ލިބިގަތުމަށް ރާއްޖެއިން ބޭރަށްދާން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމުގެ ގޮތުން، ރާއްޖެއިން ލިބެން ނެތް  ޚާއްޞަ ބަލިތަކުގެ ފަރުވާއާއި އެކި އޮޕަރޭޝަންތައް އައި.ޖީ.އެމް.އެޗްގައި ކުރެވޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

މިމަހު އެހޮސްޕިޓަލުގައި ،ހިތުގެ ޚާއްޞަ ފަރުވާގެ ޚިދްމަތް ފަށާފައިވާއިރު، މިހާރު އަމާޒު ހިފާފައިވަނީ ދަރިން ލިބުމުގައި ފިރިހެނުންނަށް ދިމާވާ  މައްސަލަތަކާއި، ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި، ކިޑްނީގެ ބަލިތަކައް ފަރުވާކުރުމާއި ،އެކަމާ ގުޅުން ހުރި ޚާއްޞަ ފަރުވާދެވޭނޭ ޤައުމީ މަރުކަޒެއް އެހޮސްޕިޓަލުގައި ޤާއިމް ކުރުމުގެ މަސައްކަތެވެ.

"ނެޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރ" ގެ ނަމުގައި ޤާއިމްކުރެއްވުމަށް، ހަމަޖެހިފައިވާ މި މަރުކަޒުގެ މަޝްރޫއް ކުރިޔަށް ގެންދެވުމަށް މިއަހަރުގެ މޭއިމަހު  އިންޑިޔާގެ އެންޔޫ ހޮސްޕިޓަލާއެކު ވަނީ އެއްބަސްވުމުކަށް އައިސްފައެވެ.

މި އެއްބަސްވުމާބެހޭ މައްލޫމާތު ޕީ.އެސް.އެމާ ޙިއްޞާކުރައްވަމުން، އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ވިދާޅުވީ، މިއެއްބަސްވުމުގެ ދަށުން މަރުކަޒު ހިންގާ ތަން ފޯރުކޮށްދޭންޖެހެނީ، އައި.ޖީ.އެމް،އެޗްގެ ފަރާތުންކަމަށެވެ.  އެގޮތުން އައި.ޖީ.އެމް.އެޗުގެ މައި އިމާރާތުގެ ތެރޭގައި ސެންޓަރަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަމަށާއި ،މިހާރު މަސައްކަތް ރޭވިފައިވާގޮތައް ކުރިޔަށްދާނަމަ ،އަންނަ އޮކްޓޯބަރުމަހުގެ ތެރޭގައި މިސެންޓަރުގައި ޚިދްމަތް ފެއްޓޭވަރުވާނޭކަމަށް ފަރުހަތު ވިދާޅުވިއެވެ.

އައި.ޖީ.އެމް.އެޗުން އިންޑިޔާގެ އެންޔޫ ހޮސްޕިޓަލާއެކު ވެވުނު، ފަނަރަ އަހަރުގެ މި އެއްބަސްވުމުގެ ދަށުން ދިވެހި ނަރުހުންނާއި އަދި އެހެނިހެން ޞިއްޙީ ފަރުވާދޭ ފަންނީ ބޭފުޅުން ތަމްރީން ކުރެވިގެންދާނެއެވެ. އަދި މިތަނަށް ބޭނުންވާ ފަންނީ ޢާލާތްތަކާއި ޚާއްޞަ ޑޮކްޓަރުންނާއި ފަންނުވެރިން ހަމަޖައްސައިދޭނީ އެން.ޔޫ ހޮސްޕިޓަލުންނެވެ. އައި.ޖީ.އެމް.އެޗްގެ ސީ.އީ.އޯ ވިދާޅުވީ،ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރ ޤާއިމްކުރެވުމުން ، ކުޑަކަމުދާ ނިޒާމުގެ ބަލީގެ ޑޮކްޓަރެއް ދާއިމީ ގޮތެއްގައި ޚިދްމަތުގައި ދެމިހުންނަވާނޭކަމަށާއި، އޭނާގެ ބެއްލެވުމުގެ ދަށުން، ވަރަށް ގިނަ ކަމާގުޅުން ހުރި ޕްރޮސީޖަރތައް ކުރިޔަށް ގެންދަވާނޭކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ޤާއިމްކުރައްވާ މަރުކަޒުގެ މަޝްރޫޢަށް ދިވެހި ސަރުކާރުން ޚަރަދުކުރައްވާނީ، ދޭއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާކަމަށާއި އެން.ޔޫ ހޮސްޕިޓަލުން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ، ހަ މިލިޔަން ރުފިޔާކަމަށް އައި.ޖީ.އެމް.އެޗުން ވަނީ  ހާމަކުރައްވާފައެވެ.

ކުޑަކަމުދާ ނިޒާމްގެ ބަލިތަކަކީ، އާސަންދައިގެ ޚަރަދުގައި މިހާރުވެސް ރާއްޖެއިން ބޭރަށް ގިނަބަޔަކު ފޮނުއްވަމުން ގެންދަވާ ބަލިތަކެކެވެ. އަދި ދަރިން ނުލިބުމުގެ މައްސަލަތައް ދިމާވެގެން އެކަމުގެ ފަރުވާއަށްވެސް ކޮންމެ އަހަރަކު އެތައް ބަޔަކު ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަމުންދެއެވެ.