ޚަބަރު

ވީއޭއެމް ކަޕް: ހުރާ ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ސިފައިންގެ ކުލަބަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލްގައި ސީދާ ތިން ސެޓުން ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް، ފައިނަލްގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފަހު މެޗުގައި ސިފައިންގެ ކުލަބުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންދިޔައީ 25-20،25-21 އަދި 25-22 ންނެވެ.

މި ނަތިޖާއާއެކު ވީއޭއމް ކަޕްގެ ފައިނަލްގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީއެވެ.

މި ދެޓީމަކީ މިދިޔަ އަހަރުގެ ވީއޭއެމްކަޕްގެ ފައިނަލުގައިވެސް ބައްދަލުކުރި ދެ ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ އެޗްޑީސީއެވެ. މިއަހަރުވެސް މި ތަށި ދިފާއުކުރުމަށް އެޗްޑީސީ އޮތީ ވަރުގަދަ އަޒުމެއްގައެވެ. އަދި ޓީމުގެ ކުޅުންތެރިން ތިބީ ރަނގަޅު ފޯމެއްގައި ފައިނަލަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އ ކުލަބުގެ ކޯޗު މުހައްމަދު ސާޖިދު ވަނީ ބުނެފައެވެ.

މި މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ. އަދި ފައިނަލްގައި ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީ ބައްދަލުކުރާމެޗު އޮންނާނީ މިރެއެވެ.