ޚަބަރު

ތެލަސީމިއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރަން އިޖުތިމާޢީ ކޮމިޓީއަށް


  • ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަސްޢޫލިއްޔަތުތައް ތަފްސީލްކޮށްފައިވޭ

  • މިހާރު ޤާނޫނުގައި ތެލަސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެންޏާ ގުޅޭ މާއްދާއެއް ނެތް

ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ޑީޖީގެ ޝަރުތުތައް މުރާޖަޢާކޮށް، ތެލަސީމިއާ ކުދިން ލިބިދާނެ މީހުން ކައިވެނިކުރުމުގެ އުސޫލު ކަނޑައެޅުމަށްޓަކައި ތެލަސީމިއާ ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާ ކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވައިފިއެވެ. މަޖިލީހަސް މި ބިލު ބަލައިގަތީ 49 މެންބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަޞީރުުު ހުށަހަޅުއްވާފައިވާ ބިލުގައިވާގޮތުން ތެލަސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަކީ ސިވިލް ސަރވިސްގެ މަޤާމެކެވެ. އެ މަޤާމަށް މީހަކު އައްޔަންކުރާނީ ވަޒީރުގެ ލަފާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށާއި އެ މަޤާމަށް އައްޔަން ކުރެވޭނީ މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 8 ނުވަތަ 9ގެ ސަނަދެއް ހާސިލްކޮށް ސިއްޙީ ދާއިރާގައި މަސައްކަތްކުރުމުގެ 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ތެލަސީމިއާ ސެންޓަރުގެ ޑީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އެ މަގާމުގެ ޝަރުތުތައްވެސް ތަފްސީލުކޮށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި ޤާނޫނަށް ސަރުކާރުން ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް އިތުރުކޮށްފައެވެ. މިހާރު ޤާނޫނުގައި ކާވެންޏާ ގުޅޭ މާއްދާއެއް ނެތް ނަމަވެސް ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެއް އޮވެއެވެ.

އެ މާއްދާގެ ފަހަތަށް އިތުރުކުރާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނިކުރުމަށް ހުއްދަށް އެދި ރަޖިސްޓްރާރަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައެވެ. އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހާއެކު އަލަށް އެކުލަވައިލާންޖެހޭ ޤަވާއިދުތަކާއި އުސޫލުތައް އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެކުލަވާލައި އާންމު ކުރަންޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.