ޚަބަރު

ސްޕެއިންގެ ރަސްގެފާނު ދެއްވި ފަރިއްކޮޅެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފި


  • ފަރިއްކޮޅުގައި އެފްއެފްޑީ4 ކޮންފަރެންސަށް ވަޑައިގެންނެވި ލީޑަރުން ބައިވެރިވެވަޑައިގެންނެވި

  • ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ސްޕެއިންއަށް ވަޑައިގަތީ މިމަހު 28ގައި

ސްޕެއިންގެ ރަސްގެފާނު ފިލިޕް (6 ވަަނަ)އާއި ރާނީ ލެޓީޒިއާ ދެއްވި ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންފިއެވެ.

މިފަރިއްކޮޅުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައި ވަނީ ސްޕެއިންގައި އޮންނަ ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓްގެ 4 ވަނަ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ފައިނޭންސިންގ ފޯ ޑިވެލޮޕްމަން ކޮންފަރެންސްގައި ބައިވެރިވެވޑައިގަތުމަށް ސްޕެއިނަށް ވަޑައިގެންނެވި ލީޑަރުންގެ އިސްތިޤުބާލުގައި ރަސްގެފާން ފިލިޕްއާއި ރާނީ ދެއްވި ފަރިއްކޮޅެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.

ނައިބު ރައީސް ސްޕެއިނަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ކޮންފަރަންސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، މިހިނގާ ޖޫން މަހުގެ 30 އިން އަންނަ ޖުލައި މަހުގެ 3 އަށް ސްޕެއިންގެ ސެވިލްގައެވެ.

ނައިބު ރައީސް މިކޮންފަރެންސްގެ އިފްތިތާޙީ ދަންފަޅީގައި ބައިވެރިވެވަޑައިގެން، ޕްލިނަރީ ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ އިތުރުން، މަސްލަހަތުވެރިންނާއެކު ބާއްވާ ސިންތާތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެން، މާލީ އިސްލާހުގެ ރޮނގުން ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.