ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ޑްރީމްސް ކެފޭގެ ޑްރާމާ ހިޔަނި ހޮވިއްޖެއެވެ.
ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވަނީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމީން ރަޝީދާއި ޕީއެސްއެމްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެސްއެމް ރޭޑިއޯ ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ޑްރީމްސް ކެފޭގެ ޑްރާމާ "ހިޔަނި" ހޮވުނުއިރު، އެންމެ މޮޅު ސްކްރިޕްޓްގެ އެވޯޑްވެސް ލިބުނީ އެ ޑްރާމާއަށެވެ
މުބާރާތުގެ ދެވަނަ ހާސިލުކުރީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާގެ ކްލަބްގެ ޑްރާމާ "ފާންތަރި"އެވެ. އަދި 3 ވަނައަށް ހޮވުނީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ޑްރާމާ "ހީރަފުސް"އެވެ.
މުބާރާތުގެ އެންމެ މޮޅު ޕްރޮޑިއުސަރަކަށް ހޮވުނީ ޑްރީމްސް ކެފޭގެ ޑްރާމާ "ހިޔަނި"ގެ ޕްރޮޑިއުސަރ ފާތިމަތު އީމާން ނަޝީދުއެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ މޮޅު އަންހެން ވޮއިސް އާޓިސްޓުގެ މަގާމުވެސް ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ފިރިހެން ވޮއިސް އާޓިސްޓުގެ މަގާމު ހޯދީ އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ޑްރާމާ "ހީރަފުސް"އިން އަހުމަދު ސުޖީތުއެވެ.
މިރަސްމިއްޔާތުގައި އެކި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީނު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔާމީން ރަޝީދުއެވެ..