ޚަބަރު

ހަނގުރާމައިގައި އީރާނުގެ ޖަލަކަށް ޔަހޫދީން ބޮންއަޅައި 71 މީހުން ޝަހީދުކޮށްލި


އީރާނާ ދެކޮޅަށް ޔަހޫދީން ފެށި ހަނގުރާމައިގައި އެ ޤައުމުގެ އެންމެ ބޮޑު އެއް ޖަލަށް ބޮންއަޅައި 71 މީހުން ޝަހީދުކޮށްލިކަން ހާމަވެއްޖެއެވެ. ބާރަ ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގައި ޔަހޫދީން ބޮންއަޅާފައި ވަނީ އީރާނުގެ ވެރިރަށް ތަހްރާނުގައި ހުންނަ އަވީން ޖަލަށެވެ. އެ ޖަލުގައި ގިނައިން ބަންދުކޮށްފައި ތިބެނީ ސިޔާސީ ކުށްވެރިންނެވެ.

އަވީން ޖަލަށް ޔަހޫދީން ބޮންއެޅީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައެވެ. ޖޫން މަހުގެ 23 ވަނަ ދުވަހު އެ ޖަލަށް ބޮންއެޅިކަން އީރާނުގެ އެކި މަސްދަރުތަކުން ބުނެފައިވެއެވެ. ނަމަވެސް އޭރު ބެލެވުނީ އެ ޙަމަލާގައި ބޮޑު ގެއްލުމެއް ނުލިބޭ ކަމަށެވެ.

އީރާނުގެ ޢަދުލްއިންޞާފާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީންގެ ޙަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ހިމެނެނީ ޖަލުގެ އިދާރީ މުވައްޒަފުންނާއި އަސްކަރީ ތަމްރީން ފުރިހަމަ ކުރަމުންދިޔަ ޒުވާނުންނާއި ޤައިދީންނާއި އެ މީހުންނަށް ގޮވާލަން ގޮސް ތިބި ޢާއިލާގެ މީހުންނާއި އެ ސަރަޙައްދުގައި ދިރިއުޅެމުންދިޔަ ޢާންމުން ކަމަށެވެ.

ޔަހޫދީންގެ ޙަމަލާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޖަލުގެ އިދާރީ އިމާރާތަށެވެ. އަދި އެ ޖަލުގައި ތިބި ޤައިދީން ވަނީ އެހެން ޖަލުތަކަށް ބަދަލުކޮށްފައެވެ. އެ ޖަލުގައި ބަނދުކޮށްފައި ތިބި މީހުންގެ ޢަދަދެއް ސާފެއް ނޫނެވެ. ނަމަވެސް އެއީ އެހެން ޤައުމުތަކަށް ނިޞްބަތްވާ މީހުން ވެސް ބަންދުކޮށްފައި ތިބޭ ޖަލެކެވެ. އޭގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު ޔަހޫދީން އީރާނާ ދެކޮޅަށް ފެށީ ހަނގުރާމައިގައި 700އެއްހާ މީހުން ޝަހީދުވިއެވެ. އޭގެ ތެރޭގައި އީރާނުގެ އަސްކަރީ ކޮމާންޑަރުންނާއި ސައިންސްވެރިންނާއި ނޫސްވެރިންނާއި ޞިއްޙީ ޚިދުމަތްތެރިންނާއި އެތުލީޓުން ވެސް ހިމެނެއެވެ.