ޚަބަރު

އުދައަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު


  • ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:30އާއި ހަމައަށް

  • އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާނީ މެންދުރު ފަހު 03:43 ގައި

އުދައަރާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:30އާއި ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރާނެކަމަށެވެ. އެގޮތުން މާލެ އަތޮޅުގެ ސަރަހައްދަށް އެންމެ ބޮޑަށް ދިޔަވަރު ބޮޑުވާނީ މެންދުރު ފަހު 03:43 ގައި ކަމަށް ވިދާޅުވިއެވެ. އަދި އުތުރުގެ ރަށްރަށަށް ދިޔަވަރު ބޮޑުވާނީ މެންދުރު ފަހު 03:01 ގަ ކަމަށާއި، ދެކުނުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ ހަވީރު 04:30 ގަ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދެރާއްޖެތެރޭ ބައެއް ރަށްރަށަށް ކެރީގެ އަސަރުކުރުމާއެކު އަދި ގުގުރާނެ ކަމަށެވެެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ ކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެރަށަށް 30 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. ހަފްތާ ބަންދުގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރުކުރެއްވުމަށްވެސް އެ އިދާރާއިން ވަނީ އިރުޝާދުދެއްވާފައެވެ.