ޚަބަރު

ރާއްޖެއާއެކު ވިޔަފާރިއާއި ދޭދޭގުޅުން ވަރުގަދަކުރުމަށް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުން ޝަޢުގުވެރިކަން ފާޅުކޮށްފި


  • ވިޔަފާރިއާއި ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަކުރުމުގެ ދާއިރާއިން ގުޅުންބަދަހިކުރަން މަޝްވަރާކުރެއްވި

  • އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުން މުހިންމުކަން ތުރުކީގެ ވަފުދުން ފާހަގަކުރެއްވި

ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލިސްކަމުގައިވާ "ގްރޭންޑް ނެޝަނަލް އެސެންބްލީ އޮފް ޓަރކީ"ގެ ވަފުދެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ވަފުދުގައި ރާއްޖެ-ތުރުކީ އިންޓަރޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕުގެ މެންބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރުގެ އެކި އިދާރާތަކާ ދެމެދު އިންޓަރޕާލިމެންޓްރީ ފްރެންޑްޝިޕް ގުރޫޕުން ގުޅުންބަދަހިކުރުމާ މެދު މަރުޙަބާ ވިދާޅުވެފައެވެ. އަދި އެ ގުރޫޕުގައި ގިނަ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ހިމެނިވަޑައިގަންނަވާކަން ފާހަގަކުރައްވައި، އެއީ އެ ޤައުމުގެ ސިޔާސީ މަޞްރަހަށް ފައިދާހުރި ކަމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.

ރައީސް ވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް އޮންނާނެކަން ފާހަގަކުރައްވައި، ފަލަސްތީނަށް ޔަހޫދީން ދެމުންގެންދާ އަނިޔާތަކަށް ދެކޮޅަށް ތުރުކީވިލާތުން ޤަބޫލުކުރާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އެއީ ރާއްޖެއިންވެސް ޤަބޫލުކުރާ ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ވިޔަފާރިއާއި ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަކުރުމުގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ވަރުގަދަކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި އިޤުތިޞާދީ އިސްލާހީ އެޖެންޑާއާއި ޤައުމީ ސިޔާސަތުތައް ކަނޑައެޅުމާއި އިންވެސްޓްމެންޓާއި އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ތުރުކީވިލާތުގެ ވަފުދުން ވަނީ މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އިޤުތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުން މުހިންމުކަންވެސް ތުރުކީގެ ވަފުދުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާކަން ދެ ފަރާތުންވެސް ފާހަގަކުރައްވަމުންނެވެ.