ޚަބަރު

ޔުއެފާ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން އިންގްލަންޑުން ދިފާއުކޮށްފި


ޔުއެފާ 21 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުގެ ތަށި އިންގްލަންޑުގެ ޒުވާން ޓީމުން ދިފާއުކޮށްފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑް އިން މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި ޖަރުމަނުގެ 21 އަހަރުން ދަށުގެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތުގެ ކުޅުމުގަ އެވެ.

ސްލޮވޭކިޔާގެ ވެރިރަށް ބްރެޓިސްލާވާގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި އިންގްލޭންޑްގެ ހާވޭ އެލިއޮޓް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މިއީ އޭނާ މި މުބާރާތުގައި ޖެހި ފަސްވަނަ ލަނޑެވެ. އަދި އޭގެ 19 މިނިޓު ފަހުން އޮމަރީ ހަޗިންސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުމުގެ އިތުރު ވަގުތުގައި ޖަރުމަނުގެ ނެލްސަން ވޭޕާ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތިޖާ 2-1 އަށް ބަދަލުކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް އިންގްލޭންޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

ޖަރުމަނުން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނިޓުގައި ޕޯލް ނެބެލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މެޗުން އިންގްލޭންޑްގެ ޒުވާން ޓީމު މޮޅުކޮށްދީފައިވަނީ މެޗުގެ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ދެވަނަ މިނިޓުގައި ފްރާންސްގެ މާސޭ އަށް ކުޅެމުންދާ ޖޮނަތަން ރޯވް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި ޔޫރޯ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އިންގްލެންޑްގެ ޓީމުން އެ ތަށި ރޭ ދިފާއުކުރިއިރު އެ ޓީމުގެ ކޯޗަކަށް މިވަގުތުވެސް ހުރީ ކުރިން އެކާމީޔާބީ ހޯދަދީން ލީ ކާސްލީ އެވެ.