ކުޅިވަރު

ނިމިގެން މިދިޔައީ ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ މުހިންމު އެއް މަސައްކަތް: ސައިމަން


ނިމިގެންދިޔަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އާންމު ޖަލްސާއަކީ ނޯމަލައިޒޭޝަން ކޮމިޓީން ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތް ކަމަށް އެ ކޮމިޓީގެ މެންބަރު އިސްމާޢީލް ސައިމަން ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސައިމަން ވިދާޅުވީ ނިމިގެން ދިޔަ މަސައްކަތަކީ ނޯމަލައިޒޭޝަން ކޮމިޓީން ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތްކަމަށާ، މިމަސައްކަތަކީ ފީފާއިން ނޯމަލައިޒޭޝަން ކޮމިޓީ އާއި ހަވާލުކޮށްފަވާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ގަވާއިދު އިސްލާހުކުރުމާއި، އައު އިންތިޚާބަކަށް މަގުކޮށައިދީ، ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތްކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މިއަދު ހަގީގަތުގައި މި ނިމިގެން ދިޔައީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތުގެ ތެރެއިން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަންތައް އިނގޭތޯ. އެއީ ފީފާގެ ފަރާތުންވެސް ނޯމަލައިޒްކުރުމުގައި އަޅުގަނޑުމެންނާ ހަވާލުކޮށްފަ ހުރި ކަންތައްތަކުގެ ތެރެއިން ހިންގާ ގަވާއިދު އިސްލާހުކޮށް، އައު އިންތިޚާބަކަށް މަގުކޮށައިދިނުމަކީ ދެކެވިފަ އޮތް އެންމެ މުހިންމު އެއްވާހަކަ" ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ އެފްއޭއެމްގެ ކޮންގްރެސް ނިމިގެން ދިޔައީ ވަރަށް ކާމިޔާބުކަމާއެކުކަމަށެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓިން ހިންގާ ގަވާއިދު އެކުލަވާލުމުގެ ތެރޭގައި ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކެއްގެ ކޮމެންޓުތައް ބަލައިގަނެ، އެންމެންގެ ޚިޔާލާއެއްގޮތަށް ހިންގާ ގަވާއިދު އެކުލަވާލުމަށް އިސްކަންދީފައިވާނެކަމަށެވެ.

ހެންވޭރު މީރުމާގައި ކުރިއަށްދިޔަ މި ކޮންގްރެސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާރމަން އަހުމަދު މުޢިއްޒުގެ އިތުރުން އެކޮމިޓީގެ މެމްބަރުންވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ (ފީފާ) އާއި އޭޝިއަން ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) ގެ އޮފިޝަލުންވެސް މި ކޮންގްރެސްގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ފީފާގެ މެންބަރު އެސޯސިއޭޝަންގެ ސީނިއާ މެނޭޖަރު އަހްމަދު ހައްރާޒުވެސް ހިމެނިވަޑައިގަންނަވައެވެ.