ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ދެވޭނެ އިންތިޒާމު، އަންނަ އަހަރު ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރު، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، ފުޓްސަލް ޓީމަށް މުސާރައާއި އިނާޔަތްތައް ދިނުމާއި އެވޯޑު ދިނުމުގައި އަމަލުކުރާ އުސޫލާމެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން އެކަމާ ގުޅޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ވަޒީރު ޖަވާބުދެއްވިއެވެ.
"ވަރަށް ގިނަ ބޭފުޅުންގެ ސުވާލެއް އެއީ، މިސާލަކަށް ސްޕޯޓްސް އެވޯޑުގައި ފުޓްސަލްގެ ނަން ނާންނަނީ ކީއްވެގެންތޯ. ފުޓްސަލް ޓީމަށް މުސާރަ ނުލިބެނީ ކީއްވެގެންތޯ. މިކަހަލަ ސުވާލުތައް އެބައާދޭ. މިހާރު ހެދިފައި އޮތް އުސޫލުތައް އަޅުގަނޑުމެން ރިވިއު ކުރެވޭނެ ގޮތެއް، ނޭޝަނަލް ސްޕޯޓްސް ކައުންސިލްގައި އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. ހަގީގަތުގައި ނޭޝަނަލް މުބާރާތެއް، ކުރިއަށް ގެންދަން އެބަޖެހޭ ނެޝަނަލް ޓީމެއް ވެއްޖެއްޔާމު. އަޅުގަނޑު ދެކޭ ގޮތުގައި ހުޅުވާލެވިގެން ނެޝަނަލް މުބާރާތެއް ކުރިއަށް ގެންދެވެން އެބަޖެހޭ. އެފަދަ މުބާރާތެއް ކުރިއަށް ގެންދެވިގެން، އެއް އަހަރު ދުވަހުގެ އެގޮތަށް ޕެޓާން ދިޔައިމަ މުސާރަދޭ ހިސާބަށް މިދަނީ". ގައުމީ ޓީމުގެ ކުޅުންތެރިންނަށް މުސާރައާއި އެވޯޑު ނުލިބޭ ސަބަބު ހާމަކޮށްދެއްވައި ވަޒީރު ވިދާޅުވިއެވެ.
ވަޒީރު މިހެން ވިދާޅުވިއިރު، ރާއްޖޭގައި ފުޓްސަލް ކުޅޭތާ އެތައް އަހަރުތަކެއް ފާއިތުވެގެން ދިޔަނަމަވެސް، އެފްއޭއެމް ހިންގުމާ ކުރިން ހަވާލުވެތިބި ފަރާތްތަކުން އެ ކުޅިވަރަށް، ޤައުމީ ލީގެއް ނުވަތަ މުބާރާތެއް ބާއްވާފައެއް ނުވެއެވެ. އެހެންނަމަވެސް އެފްއޭއެމް ހިންގެވުމާ ކުރީގެ ފުޓުބޯޅަ ތަރި، އަޙްމަދު ޠާރިޤް ހަވާލުވެވަޑައިގެންނެވިފަހުން، މި ކުޅިވަރަށް ދޭންޖެހޭ މަގާމު ދިނުމަށް އަންނަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން ޖެނުއަރީ މަހު ބޭއްވި ސާފް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޗައިނާގައި ތަމްރީނުތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ހޯދައިދީފައިވާއިރު، ޤައުމީ ފުޓްސަލް ލީގެއް މި އަހަރުގެ ތެރޭގައި ފެށުމަށް އެފްއޭއެމް އިން ވަނީ ތާވަލުކޮށްފައެވެ.
އެފްއޭއެމްގައި ރަސްމީކޮށް ފުޓްސަލް ޓީމު ރަޖިސްޓްރީކުރެވި، ލީގު ފެށި މުބާރާތްތައް ކުރިއަށްދާން ފެށުމާއެކު، މި ބަދަލުތައް ގެންނަން ފަސޭހަވެގެންދާނެކަން، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވިއެވެ.
ނެޝަނަލް އެތުލީޓުންނަށް ދޭން ނިންމާފައިވާ ހެލްތު އިންޝުއަރެންސް، ޤައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް ލިބޭނެ މަގު ފަހިކޮށްދެއްވުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަން ވަޒީރު ހާމަކުރެއްވިއެވެ.
އެއަށްފަހު ވަޒީރު ވަނީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ވެސް މުސާރަ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
"އިރާދަކުރެއްވިއްޔާ އަންނަ އަހަރަކީ، އަޅުގަނޑުމެންނަށް މި އަހަރު ބަޖެޓު ހަދާއިރުގައި އަންނަ އަހަރު ބަޖެޓަށް ލައިގެން މުސާރައިގެ ކަންތައް ކުރިއަށް ގެންދެވޭނެ ގޮތަށް މަގުފަހިވެގެންދާނެ އަދި ހަމައެއާއެކު ފުޓްސަލް ކުޅުންތެރިންނަށް އިންޝުއަރެންސްވެސް ހަމަޖެހިގެންދާނެ ވާހަކަ ދަންނަވާލަން". ވަޒީރު ރާފިއު ވިދާޅުވިއެވެ.
ފުޓްސަލް ކުޅުންތެރިންނަށް މުސާރައާއި އެވޯޑު ނުލިބުމުގެ ކަންބޮޑުވުމަކީ އެ ކުޅުންތެރިންގެ ބޮޑު ކަންބޮޑުވުމެކެވެ. އެހެންނަމަވެސް ޒުވާނުންނާއި ކުޅިވަރު އެތުލީޓުންނާ ގާތުން މަސައްކަތްކުރައްވާ ވަޒީރެއްގެ ހައިސިއްޔަތުން ވަޒީރު ރާފިއު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއެކު، އެ ކަންބޮޑުވުމަށް ވަރަށް އަވަހަށް ހައްލެއް ލިބިގެންދާނެ މަގު މިވަނީ ފަހިވެފައެވެ.