ޚަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތް ރ. އަތޮޅުގައި ފަށައިފި


  • ފުރަތަމަ ފަށާފައިވަނީ ތަޖުރިބާ ދަތުރުތައް

  • މިއީ މި ޚިދުމަތް ފެށި 10ވަނަ އަތޮޅު

އާރްޓީއެލް ފެރީގެ ދަތުރުތައް ރ. އަތޮޅުގައި ފަށައިފިއެވެ. މިއީ މި ޚިދުމަތް ފެށި 10ވަނަ އަތޮޅެވެ.

ރ. އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮންނައިރު އެ އަތޮޅުގެ އާބާދީ ގާތްގަނޑަކަށް 24000 އަށް އަރައެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީގެ ޚިދުމަތަކީ، އަތްފޯރާފަށެއްގައި އެއްރަށުށް އަނެއް ރަށަށް ދަތުރުކޮށް ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. ރ. އަތޮޅުގައި ފުރަތަމަ ފަށާފައި މިވަނީ ޚިދުމަތަށް އަހުލުވެރިކުރުވުމުގެ ދަތުރުތަކެވެ. މި ދަތުރުތައް އެއްވެސް ފީއެއް ނެގުމެއް ނެތި އެއް ހަފްތާއަށް ކުރިއަށްދާނެއެވެ.

ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރ. އަތޮޅުގައި ޚިދުމަތް ދެނީ 3 ރޫޓަކަށް ބަހާލައިގެންކަމަށެވެ. އަދި ޚިދުމަތް ދިނުމަށް 2 ލޯންޗު ފެރީ ބޭނުންކުރަމުންދާކަމަށެވެ.

ރޫޓުތައް ކަނޑައަޅާނީ އާއްމުކޮށް އެ ޚިދުމަތްތައް އާއްމުން ދަތުރުކުރާ ރަށްތަކަށް ބަލައިގެން، އެކަމަށް ފަހިވާގޮތަށެވެ. އަދި މި ޚިދުމަތް ހަފްތާގެ ކޮންމެ ދުވަހަކުވެސް ލިބެއެވެ.

ތަޖުރިބާ ހަފްތާއަށްފަހު، އާއްމު އުސޫލުން ދަތުރުތައް ފަށާނީ ޖުލައި 3 ވަނަ ދުވަހުއެވެ. ރޫޓުތަކާއި ޓިކެޓުގެ އަގުތަކާއި އަދި ދަތުރުތަކުގެ ޝެޑިއުލްތައް، އާރްޓީއެލް އެޕްލިކޭޝަނުން ފެންނަން ހުންނާނެއެވެ. އަދި އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ޓިކެޓް ނަގާ، ފައިސާ ދެއްކޭނެއެވެ.

ދަތުރުތަކުގައި ބޭނުންކުރާ ލޯންޗު ފަރުމާކޮށްފައިވަނީ ޖާގަ ތަނަވަސްކޮށް، މީހުން އުފުލުމަށް ޚާއްސަ ފީޗަރތައް ހިމެނޭގޮތަށެވެ. އަދި އުޅަނދުތަކުގައި މަސައްކަތްކުރަނީ ޚާއްސަ ޓްރެއިނިންތައް ދީފައިވާ ކެޕްޓަނުންނާ ފަޅުވެރިންނެވެ.

މިހާރު ރައްޔާރުވަމުންދަނީ ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފެށުމަށެވެ. އެ އަތޮޅުގައިވެސް ވަރަށް އަވަހަށް ޚިދުމަތް ފަށާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އާރްޓީއެލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިމަޝްރޫޢު ކުރިއަށް ގެންދަނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.