ޚަބަރު

ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް


  • އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް އަންނަނީ ކުރަމުން

  • އެ ހާދިސާގައި އިއްޔެ ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އެންމެންގެ ހާލުވެސް ރަނގަޅު

ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލީ އިއްޔެގެ ހެނދުނު 10:30ހާއިރެވެ. މި ލޭންޑިންގ ކްރާފްޓުގައި 6 މީހުން ދަތުރުކުރިއިރު އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި, 1 އާންމު ފަރާތް އަދި 3 ބިދޭސީންނެވެ. މި އުޅަނދު ބަންޑުން ޖަހާލިކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ.

މި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ހޯދާފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ.

ތ. ހިރިލަންދުއަށް ނިސްބަތްވާ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، ޢަލީ ޙާމިދަކީ ސިފައިންގެ ޚިދުމަތުގައި 27 އަހަރު ވަންދެން މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ. ޙާމިދުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ރޭ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގައި އިއްޔެ ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ. މި ޙާދިސާއާގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.