ޚަބަރު

ފްރާންސްގެ ލިޔޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓުކޮށްފި


މީގެ ކުރިން ހަތް ފަހަރު މަތިން ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ އޮލިމްޕިކް ލިޔޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓުކޮށްފިއެވެ.

ފްރާންސް ފުޓްބޯޅައިގެ ފައިނޭންޝަލް ވޮޗްޑޯގް, ޑީއެންސީޖީން ބުނެފައިވާ ގޮތުގައި ލިޔޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓުކޮށްފައިވަނީ މާލީ ހިސާބުތައް ބެލެހެއްޓުމުގައި އެ ކްލަބުން އިހުމާލުވެފައިވުމުގެ ސަބަބުންނެވެ.

ލިޔޯން އާއި ދެކޮޅަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި އެ ނިންމުން ދަމަހައްޓާ އެކަން ރަސްމީކޮށް އިއުލާން ކޮށްފައިވަނި އިއްޔެ އެވެ.

2002 އާއި 2008 ވަނަ އަހަރާއި ދެމެދު ފްރާންސްގެ ޗެމްޕިއަންކަން ހަތް ފަހަރު މަތިން ހޯދާފައިވާ ލިޔޯން ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރިއިރު ނިމިގެންދިޔަ ސީޒަނުގައި ތާވަލުގެ ހަވަނައިގައި އޮވެ ލީގު ނިންމާލުމާއި ގުޅިގެން ކުރިއަށް އޮތް ސީޒަނުގައި ޔޫރޮޕާ ލީގުގެ ފުރުސަތު އެ ޓީމަށް ވަނީ ލިބިފަ އެވެ.

ލިޔޯންގެ %77 ހިއްސަ އޮންނަ އެމެރިކާގެ މަހުޖަނެއް ހިންގާ އީގަލް ފުޓްބޯލް ގްރޫޕް އިން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް, ކްރިސްޓަލް ޕެލަސްގެ %43 ހިއްސާ މީގެ އެއް ދުވަސް ކުރިން ވިއްކާލާފަ އެވެ.

ކްރިސްޓަލް ޕެލަސްގެ ހިއްސާ އެ ކުންފުނިން ވިއްކާލާފައިވާއިރު މިދިޔަ އޮކްޓޯބަރ މަހު އީގަލް ފުޓްބޯލް ގްރޫޕް އިން ވަނީ 422 މިލިއަން ޕައުންޑުގެ ގެއްލުމެއް އެ ކްލަބަށް ވެފައިވާކަމަށް ބުނެފަ އެވެ.

ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފައިވާ މައްސަލަ އެޕީލް ކުރާނެ ކަމަށް ލިޔޯންއިން ބުނެފަވާއިރު 2022 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެ ޓީމުންވަނީ ކުޅެފަ އެވެ.

ފްރެންޗް ލީގުގެ ޗެމްޕިއަން ކަން މީގެ ކުރިން ހަ ފަހަރު ހޯދާފައިވާ ބޯޑޯ ވަނީ ބެންކްރަޕްޓް ވުމާއި ގުޅިގެން ދެވަނަ ޑިވިޝަނުން ހަތަރު ވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްފަ އެވެ.