ދީން

ވިލިނގިލީގައި ބިނާކުރާ މިސްކިތް މިއަހަރު ނިމޭނެ


ސައުދީ ފަންޑުގެ ހިލޭގެ އެހީގެ ދަށުން ވިލިނގިލިގައި އަލަށް ބިނާކުރައްވާ މިސްކިތަކީ އެއްފަހަރާ 700 މީހުންނަށް ނަމާދުކުރެވޭގޮތަށް ބިނާ ކުރައްވަމުންދާ މިސްކިތެކެވެ. މި މިސްކިތް ބިނާކުރެއްވުމަށް ހަމަޖެހިގެން ދިޔުމާއެކު ކައުންސިލުން ނިންމެވީ އަލަށް އާބާދުވި ސަރަހައްދުގައި މިސްކިތެއް ނެތުމުގެ ސަބަބުން އެސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބޭނެގޮތަށް އެސަރަހައްދުގައި މިސްކިތް ބިނާކުރެއްވުމަށެވެ. އެގޮތުގެ މަތިން ވިލިނގިލީގައި ކުރިން އިޖްތިމާއީ މަރުކަޒު ހުރި އަދި މިހާރު ޕޮލިޓެކްނިކްގެ ކޯސް ހިންގަމުންދާ ޕޮލިޓެކްނިކް ވިލިނގިލި ގޮފި ހުންނަ ބިމުގެ އޮތް ހުސް ޖާގައިގައި މިސްކިތް ބިނާކުރެއްވުމަށެވެ.  

އެރަށުގައި އަލަށް އިމާރާތްކުރާ މިސްކިތް އިމާރާތްކުރަމުންދަނީ އަލަށް އެރަށުގައި މީހުން އާބާދުވި ސަރަހައްދުގައިކަމުން، އެސަރަހައްދުގައި ދިރިއުޅެމުންދާ އާންމުންނަށް މިކަމުގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހަމައެޔާއެކު ހުކުރު ދުވަސްތަކުގަޔާއި އީދު ދުވަސްތަކުގައި މިހާރު ބޭނުންކުރަމުންދާ ބޮޑު މިސްކިތް ފުރި ބާރުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. ވިލިނގިލިގައި މިހާރު 30 މީހުންގެ ޖާގައިގެ މިސްކިތަކާއި 50 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 300 މީހުންގެ ޖާގައިގެ މިސްކިތެއް ބޭނުންކުރަމުންގެންދެއެވެ. ނަމަވެސް އާބާދީ ދުވަހަކަށްވުރެ ދުވަހެއް އިތުރުގެން އައުމާއި، ވިލިނގިލީގައި ކުރިޔަށްގެންދާ ތަރައްޤީގެ ގިނަ މަޝްރޫއުތަކާއި، އެކި ޒަރޫރީ ބޭނުންތަކަށް އަދި މަތީ ތައުލީމު ހާސިލް ކުރަން ވިލިނގިއްޔަށް އަންނަ މީހުންގެ އަދަދު އިތުރުވެގެންދިޔުމާއި ގުޅިގެން މިސްކިތްތަކުގައި ޖާގައިގެ ދަތިކަން ދިމާވަމުންދެއެވެ. އަލަށް އާބާދުވި ސަރަހައްދުގައި ބިނާކުރައްވަމުންގެންދަވާ މިސްކިތަކީ އެސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ރައްޔިތުންގެ ބޮޑު އުންމީދެއްވެސްމެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލުމާތުދެއްވަމުން ވިލިނގިލި ކައުންސިލްގެ ރައިސް ނިޔާޒު ނިޒާރު ވިދާޅުވީ އަލަށް ބިނާކުރަމުންދާ މިސްކިތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށާއި މިއަހަރު އެމިސްކިތުގެ މަސައްކަތް ނިންމާ ނަމާދު ކުރަން ފެށޭވަރު ވާނޭކަމަށެވެ. ނިޔާޒު ވިދާޅުވީ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތައްވުރެ އަވަހަށް މަސައްކަތް ނިންމާ މިސްކިތް ބޭނުންކުރެވޭނެކަމަށެވެ. 

ވިލިނގިލިގައި އަލަށް ބިނާ ކުރައްވާ މިސްކިތަކީ ގިނަ އަދަދެއްގެ ސަރުކާރު އޮފީސްތަކާއި ސްކޫލް ހުންނަ ސަރަހައްދެކެވެ. އެހެންކަމުން މި މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން މިސަރަހައްދުގެ އުޅޭ މީހުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.