އީރާނުން ޤަޠަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ޙަމަލާ ދިނުމާ ގުޅިގެން ޤަޠަރާއި އެކުވެރި ޢަރަބި އިމާރާތުގައި ހުންނަ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު ދެ ވައިގެ ބަނދަރުން ކުރާ ވައިގެ ދަތުރުތަކަށް އަސަރުކޮށް، ބޮޑެތި ލަސްތަކެއް ކުރިމަތިވެއްޖެއެވެ.
އީރާނުން ޙަމަލާ ދިނުމުން ޤަޠަރާއި ބަޙްރައިނާއި ކުަވައިތުގެ އިތުރުން އެކުވެރި ޢަރަބި އިމާރާތުން ވަނީ އެ ޤައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދު ކޮށްފައެވެ. އެއާއެކު އެއަރލައިންތަކަށް ވަނީ އެ ޤައުމުތަކަށް ކުރާ ދަތުރުތައް ކެންސަލްކޮށް، އެ މަގުތަކުން ދަތުރު ކުރުމަށް ހަމަޖައްސާފައިވާ އެތައް ސަތޭކަ ދަތުރެއް ބަދަލު ކުރުމަށް މަޖުބޫރުވެފައެވެ. އޭގެ ސަބަބުން ގިނަ ޢަދަދައްގެ ދަތުރުވެރިން ވަނީ ވައިގެ ބަނދަރުތަކުގައި ނުފުރި ތާށިވެފައެވެ.
ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ދަވްޙާގެ ޙަމަދު އިންޓަނޭޝަނަލް އެއަރޕޯޓުން ވަނީ 250އެއްހާ ފްލައިޓު ކެންސަލް ކޮށްފައެވެ. އަދި އިތުރު 238 ފްލައިޓު ވަނީ ފުރަން ހަމަޖެހިފައި އޮތް ގަޑިއަށްވުރެ ލަސްވެފައެވެ. ގިނަ ޢަދަދެއްގެ ދަތުރުވެރިން ނުފުރިފައި ތިބިއިރު އެ ވައިގެ ބަނދަރުގައި ހަދާފައިވާ ސަފުތައް 200 މީޓަރަށް ވުރެ ދިގެވެ. ސަފުގައި ހުރި ދަތުރުވެރިއެއް ބުނީ އޭނާ ނުނިދާތާ 19 ގަޑިއިރުވެފައިވާ ކަަމަށާއި ސަފުގައި ހުންނަތާ ވެސް ނުވަ ގަޑިއިރަށްވުރެ ގިނައިރު ވެފައިވާ ކަމަށެވެ. ދިގު ސަފުގައި ތިބި މީހުންނަށް ވައިގެ ބަނދަރުން ދޫކޮށްފައި ވަނީ ހަމައެކަނި ބޯފެން ކަމަށް އޭނާ ބުންޏެވެ.
ވަރޖިންް އޮސްޓްރޭލިޔާއިން ބުނީ ދަވްޙާ ވައިގެ ބަނދަރުގައި ގާތްގަނޑަކަށް 25،000 ފަސިންޖަރުން ނުުފުރި ތިބިކަމަށް ބެލެވޭ ކަމަށެވެ. މީހުން ގިނަވެ ސަފުތަކުގައި ތިބި މީހުންގެ މެދުގައި ދެބަސްވުންތައް ހިނގަމުންދާ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު ވައިގެ ބަނދަރުކަމުގައިވާ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުން ވެސް 145 ފްލައިޓު ކެންސަލް ކޮށްފައިވެއެވެ. އަދި 450އަށްވުރެ ގިނަ ފްލައިޓު ވަނީ ލަސްވެފައެވެ. ޤަޠަރު އެއަރވޭސްއިން ވެސް ބުނީ ދަތުރުތައް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ 26 ވަނަ ދުވަހާ ހަމައަށް އަދިވެސް ދަތިތައް ހުރުން އެކަށީގެންވާ ކަމަށް އެ ވައިގެ ބަނދަރުން ބުނެފައިވެއެވެ.
މެދުއިރުމަތީގެ ވައިގެ ބަނދަރުތަކަކީ ދުނިޔޭގެ އެންމެ ކާރޫބާރޫބޮޑު ވައިގެ ބަނދަރުތަކެވެ. މެދުއިރުމަތީގެ ސަރަޙައްދުތަކުގެ ތެރޭގައި އީރާނާއި ޢިރާޤުން ފެށިގެން މެޑިޓެރޭނިއަން ސަރަޙައްދު ހިމެނެއެވެ. މެދުއިރުމަތީގެ ވައިގެ ބަނދަރުތަކަކީ ވިލާތާއި އޭޝިޔާއަށް ދަތުރު ކުރުމަށް އޮންނަ މައި ޓްރާންސިޓު މަގުތަކެވެ. މިދިޔަ އަހަރު ތެރޭގައި ދުބާއީ މަގުން އެކަނި ވެސް 92.3 މިލިޔަން މީހުން ވަނީ ދަތުރު ކޮށްފައެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 250،000 ދަތުރުވެރިންނެވެ.
މެދުއިރުމަތީގެ ވައިގެ ބަނދަރުތަކަށް ގިނަ ޢަދަދެއްގެ ޓްރާންސިޓު ފްލައިޓުތައް ޖައްސާއިރު، އެ ވައިގެ ބަނދަރުތަކަށް ދަތުރު ނުކުރެވުމުން އެހެން ހުރިހާ ސަރަޙައްދެއްގެ ދަތުރުތަކަށް ވެސް ވަނީ ބުރޫ އަރައިފައެވެ. ޤަޠަރުގެ ވައިގެ ބަނދަރަށް ދަތުރުކުރާ މީހުންގެ ތެރެއިން 78 އިންސައްތަ މީހުންނަކީ ޓްރާންސިޓު ފަސިންޖަރުން ކަމަށް އެ ވައިގެ ބަނދަރުން ޙިއްޞާ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.