ޚަބަރު

އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު އާރާސްތު ކުރުމުގެ މަސައްކަތް ފަށައިފި


އީރާނުގެ ނިއުލްކިޔަރ ދާއިރާއަށް ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަން ކޮށް، އެ ޤައުމުގެ ނިއުކްލިޔަރ މަސައްކަތްތައް އަލުން އާރާސްތު ކޮށް ފެށުމާގުޅޭ އިންތިޒާމްތައް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ނިއުކްލިޔަރ ހަކަތައާ ބެހޭ އިސްވެރިޔާ، މުޙައްމަދު އަސްލަމީ ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވެފައި ވަނީ ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއްދީ ގެއްލުންތައް ދީފައިވަނިކޮށެވެ.

ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާދޭން ފެށީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެއެވެ. އެ ޙަމަލާތަކުގައި އީރާނުގެ މުހިންމު ސަރަޙައްދުތަކަށް ޔަހޫދީން ޙަމަލާދީފައިވެއެވެ. އެ އަދި އީރާނުގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރުންނާއި ނިއުކްލިޔަރ ސައިންސުވެރިން ޝަހީދު ކޮށްލާފައިވެއެވެ.

ޔަހޫދީން އީރާނަށް ޙަމަލާ ދެމުން ދަނިކޮށް އެމެރިކާއިން ވެސް ވަނީ ހަމަނުޖެހުމުގެ ތެރެއަށް ވަދެ، އީރާނުގެ މައި ނިއުކްލިޔަރ މަރުކަތުތަކަށް ބޮން އަޅައިފައެވެ. އެ ގޮތުން އިޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ހުންނަ ނިއުލްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދީފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ސުންނާފަތި ކޮށް ނައްތާލާފައިވާ ކަމަށް އިޢުލާނު ކުރައްވައިފައެވެ.

އަސްލަމީ ވިދާޅުވީ އީރާނުން އިސްކަން ދެނީ ކުރިއަށް އޮތް ތަނުގައި ނިއުކްލިޔަރ ހަކަތައާ މަސައްކަތްތަކަށް ބުރޫ ނާރާނެފަދަ ގޮތަކަށް ކަންތައްތައް އިންތިޒާމު ކުރުމަށް ކަމަށެވެ. އަދި ގެއްލުން ލިބިފައިވާ ތަންތަން މަރާމާތުކޮށް އަލުން މަސައްކަތް ފެށުމަށް ކަމަށެވެ.

އީރާނުގެ ރައީސްއާއި ރޫޙީ ވެރިޔާ ހިމެނިވަޑައިގަންނަވާ ގޮތަށް، އީރާނުގެ އެންމެ އިސްވެރިން ވިދާޅުވަމުން ދަނީ ޙަމަލާ ދިން ނަމަވެސް އީރާނުގެ ނިއުކްލިޔަރ މަސައްކަތްތައް ނުހުއްޓުވޭނެ ކަމަށެވެ. ބަޔަކު ދޭ ޙަމަލާތަކުން އީރާނުގެ ޞުލްޙަވެރި ނިއުކްލިޔަރ މަޝްރޫޢު ނައްތާ ނުލެވޭނެ ކަމަށާއި، އެ މަޝްރޫޢުއާ ދެކޮޅަށް ދޭ ޙަމަލާއަކީ އެ މަސައްކަތް އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރުމަށް އީރާނުގެ ޒުވާން ސައިންސުވެރިންނަށް ލިބޭ އައު ހިތްވަރެއްގެ ގޮތުގައި އިންޤިލާބީ ފައުޖުން ވެސް ސިފަ ކޮށްފައިވެއެެވެ.