އިންޑިޔާގެ ތަޖުރިބާކާރު ޕްރޮޑިޔުސަރުންނާއެކު ޕަބްލިކް ސަރވިސް މީޑިޔާ ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށްގެންދިޔަ 3 ދުވަހުގެ ތަމްރީން ޕްރޮގުރާމް ނިންމާލައިފިއެވެ.
އިންޑިޔާގެ ތަޖުރިބާކާރު 3 ޕްރޮޑިޔުސަރަކާއެކު ތަމްރީންތައް ފެށީ މިދިޔަ ހުކުރު ދުވަހުއެވެ. އާދިއްތަ ދުވަހު މި ތަމްރީންތައް ނިންމާލިއިރު، ޕީއެސްއެމްގައި މަސައްކަތްކުރާ ޓީވީ އަދި ރޭޑިޔޯ ޕްރޮޑިޔުސަރުންނާއި ނޫސްވެރިންނާއި ރާއްޖޭގެ އެހެނިހެން ކުންފުނިތަކުން މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ބައިވެރިވިއެވެ.
މި ތަމްރީންތަކުގައި 100 މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީއެސްއެމްގެ 80 މުވައްޒަފުންނާއި އެހެނިހެން މީޑީއާތަކުގެ 20 ބައިވެރިއެކެވެ.
މި ތަމްރީން ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެގެޒެކެޓިވް ޑިރެކްޓަރ ހިއުމަން ރިސޯސަން އެންޑް ކޯޕަރެޓް މުޙައްމަދު ޖިނާހު ވިދާޅުވީ މި ޕްރޮގުރާމުގެ މަޤުޞަދަކީ ޕީއެސްއެމްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމާއި ރާއްޖޭގެ މީޑިއާ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރުވެރިކަން އިތުރުކުރުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ޕްރޮގުރާމްތައް ކުރިއަށްގެންދެވޭނެކަމަށް ޖިނާހު ވިދާޅުވިއެވެ.
"ލިމްކޮކްވިންގ ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދަނީ. މެނޭޖްމެންޓާއި އެ ޔުނިވަރސިޓީއާ މެދު އެއްބަސްވުމެއް ވަނީ އެކުލަވާލާފައި. އެއާއެކު އެމްއެމްއައިއަށް އަންނާނެ މީޑީއާ ދާއިރާގެ ގިނަ ޕްރޮގުރާމްތަކެއް" ޖިނާހު ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވައިދެއްވާ ބޭފުޅުން ވިދާޅުވީ، މި ޕްރޮގްރާމްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމްތައް އުފެއްދުމުގައި ޚިޔާލުތައް ގެންގުޅެންޖެހޭގޮތާއި ޕްރޮގްރާމްތައް އުފެއްދުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށް ކަމަށެވެ.
"މި ޕްރޮގްރާމަކީ، ޓީވީ ޕްރޮޑަކްޝަނާއި ރޭޑިއޯ ޕްރޮޑަކްޝަނަށް އޮންނަ ހޭލުންތެރިކަން އިތުރުކޮށް، ޕްރޮގްރާމްތައް އުފެއްދުމުގައި އާންމުން ޝައުޤުވެރިވާނެފަދަ ގޮތަކަށް ޚިޔާލު ޖެނެރޭޓްކުރުމުގައި ގެންގުޅެންޖެހޭ އުކުޅަތައް ކިޔައިދިނުން. އާންމުކޮށް ރޭޑިއޯ އަދި ޓީވީގައިވެސް އާންމުން ޝައުޤުވެރިވާނެފަދަ ޕްރޮގްރާމްތައް ގެނެސްދިނުމަށްޓަކައި ޚިޔާލު ފާޅުކުރުން." ޕްރޮގްރާމްގައި ސެޝަން ނަންގަވައިދެއްވާ ބޭފުޅަކު ވިދާޅުވިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ޕްރޮގްރާމްގެ ބައިވެރިއަކު ބުނީ، މިފަދަ ޕްރޮގްރާމްތަކަކީ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށްވެސް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށެވެ.
"މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އަޅުގަނޑުމެން ހުރިހާ ސްޓާފުނަށްވެސް އިތުރަށް ބައިވަރު މަޢުލޫމާތު ލިބިގެންދާއިރު، މި އިންޑަސްޓްރީގައި އެންމެ އެކްސްޕީރިއެންސްޑް މީހުން ޓްރެއިނިންގައި ކިޔަވާދެއްވާކަމީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ އަސްލު މުވައްޒަފުންގެ ފެންވަރު މަތިކުރުމަށާއި އުފެއްދުންތެރިކަން އިތުރުކުރުމަށް ލިބޭ ބޮޑު ފުރުޞަތެއް." ޕްރޮގްރާމްގެ ބައިވެރިޔަކު ބުންޏެވެ.
ތަމްރީންތައް ނަންގަަވައިދެއްވީ އިންޑިއަން އައިޑޮލް ޑައިރެކްޓްކުރި ޕްރޮޑިޔުސަރުންކަމަށްވާ ރޮން ކްރާސްޓޯއާއި ސަތީޝް ޑާޓްގެ އިތުރުން ސޮނީ މެކްސް އުފެދުމުގައި މުހިންމު ދައުރެއް އަދާކުރި އަޝީޝް ރެދީޖްއެވެ.