އީރާންގެ ނިއުކްލިޔަރ ޕުރޮގުރާމުގެ ދަށުން ހިންގާ މަރުކަޒުތަކަށް އެމެރިކާއިން ނިރުބަވެރި ޙަމަލާތަކެއް ދިނުމުން ޔަހޫދީންގެ ރަށްތަކަށް އީރާނުން ވަރަށް ވަރުގަދަ މިސައިލް ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕްގެ ޢަމުރަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އީރާންގެ މައި ނިއުކްލިޔަރ މަރުކަޒުތަކަށް ބާރުގަދަ ބޮންތައް ބޭނުންކޮށްގެން ޙަމަލާ ދީފައެވެ. އެއީ، އަޞްފިހާން، ފޫރްދޫ އަދި ނަޠާންޛްގައި ޤާއިމްކޮށްފައިވާ ނިއުކްލިޔަރ މަރުކަޒުތަކެވެ.
އީރާނުން އެންމެ ފަހުން ދިން ޙަމަލާތައް ޢަމާޒުކޮށްފައި ވަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވާއި ޤުދުސްގެ އިތުރުން ޙައިފާއަށެވެ. ޔަހޫދީންނަށް ލިބެމުންދާ ގެއްލުންތައް ގެނެސްދިނުމަށް ބޮޑެތި ހުރަސްތަކެއް އަޅައި މަންޒަރުތައް ގެނެސްދިނުމަށް ބޭރުގެ ނޫސްވެރިންނަށް މަނާކުރި ނަމަވެސް އީރާނުގެ މިސައިލް ޙަމަލާތަކުގައި ޔަހޫދީންގެ ރަށްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ވަނީ ޢާންމުވެފައެވެ.
އެ ގޮތުން ވެރިރަށް ތެލް އަވީވުގެ ބޮޑެތި ސަރަޙައްދުތައް އެއްކޮށް ސުންނާފަތިވެފައިވާ މަންޒަރުތައް ވަނީ ޢާންމުވެފައެވެ. އޭގެ ތެރެއިން ބައެއް ޙަމަލާތައް ވަނީ ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމުގެ ދިރާސާތައް ކުރާ ޔަހޫދީންގެ މައި މަރުކަޒަށް ވެސް ޢަމާޒުވެފައެވެ. އެ ޙަމަލާތަކުގައި އެ މަރުކަޒުގެ އިމާރާތް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ. އަދި އީރާނުން ދިން ޙަމަލާތަކުން ބިމާ ހަމަވި އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރަމުންދާ މަންޒަރުތައް ވެސް ޢާންމުވެފައެވެ.
އީރާނުގެ އިންޤިލާބީ ފައުޖުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔަހޫދީންނަށް ޢަމާޒުކޮށް ޙަމަލާ ދީފައި ވަނީ އެންމެ ބާރުގަދަ އަދި ޒަމާނީ ޚައިބަރު ޝީކަން މަރުކައިގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކަމަށެވެ. އަދި ޔަހޫދީންގެ އެކި މަޤާމުތަކަށް ޢަމާޒުކޮށް 40 މިސައިލް ފޮނުވާލާފައި ވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެއީ އީރާނުގެ އިންޤިލާބީ ފައުޖުން ޚައިބަރު ޝީކަން މަރުކައިގެ ބެލިސްޓިކް މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރެވެ.
އިރާނުން އެންމެ ފަހުން ދިން ޙަމަލާތަކުގައި 20އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. ޖޫން 13ވަނަ ދުވަހު ބަދަލުކުރަން ފެށި ޙަމަލާތަކުގައި ޔަހޫދީންގެ 1،300އަށްވުރެ ގިނަ މީހުން ޒަޚަމުވެ 24 މީހުން ވަނީ މަރުވެފައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި އީރާނުގެ 700އަށްވުރެ ގިނަ މީހުން ޝަހީދުވެ 1،300އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ.
އެމެރިކާއިން އީރާންގެ ނިއުކްލިޔަރ މަރުކަޒުތަކަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ. އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ އދގެ ސަލާމަތީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޮވެ، އެމެރިކާއިން އދގެ ޗާޓަރާ ޚިލާފު ޖަރީމާތަކެއް ހިންގާފައިވާ ކަމުގައެވެ. އަދި، އީރާނުން ސުލްޙަވެރިކަމާ އެކު މަދަނީ ބޭނުންތަކަށް ހިންގާ ނިއުކްލިޔަރ މަރުކަޒުުތަކަށް ޙަމަލާ ދީފައި ވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ މުޢާހަދާއާ ޚިލާފަށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.