ޚަބަރު

ރިވަރ ޕްލޭޓް އާއި މޮންޓެރޭގެ މެޗު އެއްވަރު


ފީފާ ކުލަބު ވޯލްޑް ކަޕުގައި ދެކުނު އެމެރިކާގެ ގަދަ ދެ ބާރު ކަމަށްވާ ރިވަރ ޕްލޭޓް އާއި މޮންޓެރޭ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ.

މެކްސިކޯގެ ޗެމްޕިއަން މޮންޓެރޭ އާއި ދެކޮޅަށް އާޖެންޓީނާގެ ރިވަރ ޕްލޭޓް ކުޅުނު މި މެޗު އެއްވަރުވުމާއިއެކު ރިވަރ ޕްލޭޓް އަށް ވަނީ ގްރޫޕް އީ ގައި ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ލިބިފަ އެވެ. މޮންޓެރޭ އަށް ދެ މެޗުން ލިބިފައިވާ ދެ ޕޮއިންޓާއެކު އެ ޓީމޮ އޮތީ ގްރޫޕުގެ ތިންވަނައިގަ އެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ރިވަރ ޕްލޭޓް އަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ލޮސް އެންޖެލެސްގެ ރޯސް ބޯލް ސްޓޭޑިއަމްގައި ފަންސާށް ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އޭގެ ތެރޭގައި ރިވަރ ޕްލޭޓްގެ މެޒާ އާއި ކޮލީޑިއޯގެ އިތުރުން މަސްޓަންޓުއޯނޯ ފޮނުވާލި ނުރައްކާތެރި ހަމަލަތައް މޮންޓެރޭގެ ގޯލު ކީޕަރު އެންޑްރާޑާ ވަނީ މަތަކޮށްފަ އެވެ.

މި މެޗުގެ ފަހު މިނިޓުގައި ރިވަރް ޕްލޭޓުގެ ކެވިން ކަސްޓާނޯ އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.