އެމެރިކާއިން އީރާނަށް ޙަމަލާ ދީފިއެވެ.
އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ތިން ނިއުކްލިޔަރ މަރުކަޒު ކަމުގައިވާ ފޯރުދޯ، ނަތަންޒް އަދި އިސްފަހަން ނިއުކްލިޔަރ މަރުކަޒަށް އެމެރިކާއިން ޙަމަލާ ދީފައިވާކަން އިޢުލާނު ކުރައްވައިފައެވެ. ފޯރުދޯ މަރުކަޒަށް ޙަމަލާ ދިނުމަށް 14 ޓަނުގެ ޖީބީޔޫ-57 ބޮމުގެ ގިނަ ޢަދަދެއްގެ ބޮން އަޅާފައިވެއެވެ. ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގައި ބައިވެރިވި ހުރިހާ ޖެޓުތައް ރައްކާތެރިކަމާއެކު އީރާނުގެ ވައިގެ ސަރަޙައްދުން ނިކުމެފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ ފިޔަވައި މި ވަރުގެ ޙަމަލާއެއް ދެވޭނެ އިތުރު އެއްވެސް އަސްކަރިއްޔާއެއް ދުނިޔޭގައި ނުހުންނާނެ ކަމަށެވެ. މިއީ ޞުލްޙައިގެ ފެށުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.