ޚަބަރު

ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް އަންނަ އަހަރުވެސް އެކަށީގެންވާ ބަޖަޓެއް ހިމަނާނެ: ވަޒީރު ޑރ. ޝަފީޢު


  • ތައުލީމީ ވުޒާރާގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވި

ދަރިވަރުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި ތަޢުލީމީ ދާއިރާގެ އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ އަހަރުވެސް އެކަށީގެންވާ ބަޖަޓެއް ހިމަނާނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ 3 ވަނަ ދަންފަޅީގައި ވަޒީރު ވަނީ ތަޢުލީމީ ދާއިރާގައި މިހާރު ކުރިއަށްގެންދާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ތައުލީމީ ވުޒާރާގެ ހިންގުން ހަރުދަނާ ކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޒަމާނުއްސުރެ އެ ވުޒާރާގައި އޮތް ބައެއް ކަންކަން ބަދަލުކޮށް ތައުލީމީ ދާއިރާގެ އިދާރީ ކަންކަން ވީހާވެސް ޒަމާނާ ގުޅޭގޮތަށް އަދި ސްކޫލްތަކަށް ބޭނުންވާ އިރުޝާދާއި ލަފާ ފަންނީ އެހީތެރިކަން ދެވޭފަދަ މިންވަރަކަށް އެވުޒާރާ ބަދަލުކުރުމުގެ މަސައްކަތް ފަށްޓަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ 2024 ވަނަ އަހަރަށް ވުރެ 2025 ވަނަ އަހަރުގެ ތަޢުލީމީ ވުޒާރާގެ ބަޖެޓް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އެކި ޕްރޮގްރާމްތައް ހިންގުމަށް މިއަހަރުގެ ބަޖެޓަށް 300 މިލިޔަނެއްހާ ރުފިޔާ އިތުރުކުރިކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުވެސް ތަޢުލީމީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައަޅުއްވާނެކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދަރިވަރުންގެ ބޮލަކަށް ޖެހޭ މިންވަރު މަތިނުކޮށް ތަޢުލީމީ ފެންވަރު މަތި ނުކުރެވޭނެކަމަށެވެ.

"ދަޢުލަތުގެ އިކޮނަމީގައި ކެރި ފޯރުންތެރިކަން ހުރި މިންވަރާއެކު އެންމެ ރަނގަޅު ބަދަލެއް އައިސްފައިވަނީ ތަޢުލީމީ ދާއިރާއަށް. އަދި އެގޮތުގައި ކުރިއަށްދާނެ." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައިވެސް ވަޒީރު ވަނީ މުދައްރިސުން ލިބުމުގައި ހުރި ދަތިތަކުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. ވަޒީރު ވަނީ މިދާއިރާއަށް މޮޅެތި ދަރިވަރުންތަކެއް ވަދެ މޮޅެތި މުދައްރިސުންނަށްވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މޮލޭތި ދަރިވަރުންތަކެއް އުފެއްދުމަށް މޮޅެތި މުދައްރިސުން ބޭނުންވާކަމަށާއި ޤައުމު ކުރިއެރުވޭނީ މޮޅެތި މީހުންނަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ.