ޞިއްޙީ ދާއިރާއަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމާގުޅޭ ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައްކޮށްފައިވަނީ ޞިއްޙީ ވުޒާރާގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޕާކިސްތާނުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް (އެންއައިއެޗް) އަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން މިޒިޔާރަތުގައި އެންއައިއެޗްގެ ޗީފް އެގްޒެކެޓިވް އޮފިސަރާއި ޓެކްނިކަލް އޮފިޝަލުންނާއެކު ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ރާއްޖޭގެ އާންމު ސިއްޙަތުގެ ނިޒާމާއި ކެޕޭސިޓީ ހަރުދަނާ ކުރުމަށްޓަކައި ދެފަރާތުގެ އެއްބާރުލުން ދިނުމާ ގުޅޭގޮތުންނެވެ.
އެގޮތުން ފީލްޑް އެޕިޑެމިއޮލޮޖީ ޓްރޭނިންގ، އެންޓިމައިކްރޮބިއަލް ރެސިސްޓެންސް (އޭއެމްއާރު) މޮނިޓަރިންގ، އިންފެކްޝަން ޕްރިވެންޝަން އެންޑް ކޮންޓްރޯލް (އައިޕީސީ)، އަދި ޑިޒީޒް ސަރވޭލަންސް ސިސްޓަމް ހަރުދަނާ ކުރުމަށް އެއްބާރުލުން ދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދެ ފަރާތުންވެސް ވަނީ ފަންނީ އެއްބާރުލުން އިތުރުކުރުމާއި، ތަމްރީނުތަކުގެ ފުރުސަތުތަކާއި، މުއައްސަސާތަކުގެ ގުޅުންތައް އިތުރުކުރުމަށް މަޝްވަރާކޮށްފައެވެ.
ޞިއްޙީ ވުޒާރާގެ އިސް އޮފިޝަލުން ހިމެނޭ ވަފްދުން ޕާކިސްތާނަށް ކުރަމުންދާ ދަތުރުގެ ތެރެއިން ވަނީ އެޤައުމުގެ އާމްޑް ފޯސަސް އިންސްޓިޓިއުޓް އޮފް ޔޫރޮލޮޖީ (އޭއެފްއައިޔޫ) އާއި އާމްޑް ފޯސަސް ބޯންމެރޯ ޓްރާންސްޕްލާންޓް ސެންޓަރު (އޭއެފްބީއެމްޓީސީ) އަށް ޒިޔާރަތްކޮށް، ކްލިނިކަލް ޚިދުމަތްތަކާއި އިންސްޓިޓިއުޝަނަލް ޓްރެއިނިން ޕްރޮގްރާމްތަކާ ބެހޭ ގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ.