ޚަބަރު

އިންލައިން ސްކޭޓް ސީރީޒްގައި ވާދަކުރި ޓީމުގެ ކާމިޔާބީ ފާހަގަކޮށްފި


މެއި މަހުގެ 23 އިން 25 އަށް އިންޑޮނޭޝިއާގައި ބޭއްވި އިންލައިން ސްކޭޓް ސީރީޒްގައި ވާދަކޮށް ރާއްޖޭގެ ސްކޭޓަރުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

ބުރާސްފަތިދުވަހުގެ ރޭ އުސްފަސްގަނޑުގައި ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވާ ސްކޭޓަރުންނަށް މެޑަލް ހަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ދިލްޝާން އަބުދުالله އާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްއެވެ.

މި ހަފްލާގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކެއްޓްރީ ތަމޫހް އަހުމަދާއި ސްކޭޓް މޯލްޑިވްސްގެ އިސްވެރިން އަދި ސްކޭޓަރުންގެ ކޯޗުންނާއި ބެލެނިވެރިންވެސް ބައިވެރިވިއެވެ.

ސްކޭަޓް ޓީމަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތައް ފާހަގަ ކުރައްވާ އަގުވަޒަންކުރުމުގެ އިތުރުން ހުރިހާ ސްކޭޓަރުން ހޯދި ކާމިޔާބީ ފާހަގަކޮށް އެ ކުދިންނަށް މަރްހަބާ ކިއުމުގެ ގޮތުން ބޭއްވި މި ހަފްލާގައި ސްކޭަޓް މޯލްޑިވްސްގެ ރައީސް މުހައްމަދު ހާނިމް ވަނީ ރާއްޖޭގެ ސްކޭޓަރުން މުޅިން އަލަށް ބައިނަލްއަގްވާމީ މުބާރާތަކަށް ތައްޔާރު ކޮށްދިނުމުގައި ހަރަކާތްތެރިވި ކޯޗުންނަށް އަދި ބެލެނިވެރިންނަށް ޝުކުރު ދަންނަވާފައެވެ. އަދި ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ސްކޭޓް ކޮމިއުނިޓީއަށް ބަހައްޓަވާ ގާތްކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.

‎އިންލައިން ސްކޭޓް ސީރީޒްގައި ރާއްޖެ ތަމްސީލުކުރި ޓީމުން ވަނީ ރާއްޖެއަށް ރަން މެޑެއްޔަކާ، ރިހި މެޑައްޔެއްގެ އިތުރުން އަށް ލޯ މެޑަލް ގެނެސްދީފައެވެ.

‎މި މުބާރާތުން ރަން މެޑެލް ހޯދީ 14 އަހަރުން ދަށުގެ ފިރިހެން ބައިން އަޙްމަދު ރާހިފް ޝަފީއުއެވެ. އޭނާ ރަން މެޑެލް ހާސިލުކޮށްފައިވަނީ 200 މީޓަރު ފްލައިން ކެޓެގަރީންނެވެ. މީގެ އިތުރުން އޭނާ ވަނީ 500 މީޓަރު ރޭހުންނާއި، 1000 މީޓަރު ސްޕްރިންޓް ރޭހުންނާއި، 1800 މީޓަރު ރިލޭއިން ލޯ މެޑެލް ހާސިލުކޮށް މިމުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުން އެންމެ ގިނަ މެޑަލް ހާސިލްކުރި ސްކޭޓަރުގެ ޝަރަފު ހޯދާފައެވެ. މި މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ބައިން އާރާ އަބްދުﷲ ރިފްއަތު ރިހި މެޑަލް ކަށަވަރުކޮށްފަވާއިރު، އޭނާ ވާދަކޮށްފަވަނީ 1800 މީޓަރު އެލިމިނޭޝަން ކެޓެގަރީގައެވެ.

‎މީގެ އިތުރުން 9 އަހަރުން ދަށުގެ އަންހެން ބައިގެ 1000 މީޓަރު ސްޕްރިންޓް ކެޓެގަރީން އައިޝަތު ޓިއާ އައިމަން ލޯ މެޑެލް ހާސިލުކުރިއިރު، 11 އަހަރުން ދަށުން އަންހެން ބައިގެ 1800 މީޓަރު ރިލޭއިން ރާއްޖޭގެ ޓީމަށް ވަނީ ލޯ މެޑަލެއް ލިބިފައެވެ. މިޓީމުގައި ހިމެނުނީ ސާޝާ ސުލާސް އާއި، އާމިނަތު ކައިލީން ސަހުލަމް އަދި ޒާޔާ މުޙައްމަދު އުމަރެވެ.

‎މި މުބާރާތުގެ 14 އަހަރާއި 17 އަހަރާ ދެމެދުގެ ޖޫނިއަރ އަންހެން ގްރޫޕުގެ 100 މީޓަރު ސްޕްރިންޓް ކެޓެގަރީން ރާއްޖޭގެ އެމާ ގެރިނީ އަބްދުﷲ ރަޝީދު ލޯ މެޑެލް ހާސިލުކުރިއިރު، 14 އަހަރުން ދަށުގެ ފިރިހެން ބައިން އަޙްމަދު އަރީން މުޙައްމަދު ވަނީ ތިން ލޯ މެޑެލް ހޯދާފައެވެ. އެއީ 200 މީޓަރު ފްލައިން ކެޓެގަރީންނާއި، 1000 މީޓަރު ސްޕްރިންޓް އަދި 1800 މީޓަރު ރިލޭގައި ވާދަކޮށެވެ.