ފީފާ ކްލަބް ވޯލްޑް ކަޕްގައި މިއަދު އާޖެންޓީނާގެ ބޮކާ ޖޫނިއަރސް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ކާމިޔާބުކޮށްފި އެވެ.
މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ފަސްދޮޅަސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމާއިއެކު ބަޔާން މިއުނިކަށް ވަނީ ގްރޫޕްގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ބެންފީކާ އަށް 4 ޕޮއިންޓް ލިބިފައިވާއިރު ބޮކާ ޖޫނިއަރސް އަށް ލިބިފައިވާ އެއް ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގަ އެވެ. އަދި އޯކްލޭންޑް ސިޓީ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ބަޔާން މިއުނިކް އިން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު މި މެޗުގެ 18 ވަނަ މިނިޓުގައި ހެރީ ކޭން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ 66 ވަނަ މިނިޓުގައި ބޮކާ ޖޫނިއަރސްގެ މެރެންޓިއެލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ބަޔާން މިއުނިކް މި މެޗުން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް ހެރީ ކޭން ދިން ޕާހަކުން އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މައިކަލް އޮލިސޭ އެވެ.