ޚަބަރު

ޣައްޒާއަށް ބޮން އަޅަން އެހީތެރިވާ އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކަށް ގެއްލުންދީފި


ފަލަސްޠީނުގެ ޣައްޒާގައި ބޮން އަޅަން ޔަހޫދީންގެ ނިރުބަވެރި ފައުޖުން ބޭނުންކުރާ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދޭ، އިނގިރޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކަކަށް، ފަލަސްޠީނަށް ތާޢީދުކުރާ އެކްޓިވިސްޓުންތަކެއް ގެއްލުންދީފިއެވެ.

ފަލަސްޠީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ އިނގިރޭސިވިލާތުގެ މައި އަސްކަރީ މަރުކަޒެއް ކަމަށްވާ އާރުއޭއެފް ބްރައިޒް ނޯޓަން އަށް ވަދެ އަސްކަރީ ދެ މަތިންދާބޯޓަކަށް ގެއްލުންދީފައިކަމަށް އިނގިރޭސިވިލާތުގެ ދިފާއީ ވުޒާރާއިން ވަނީ ޔަޤީންކޮށްދީފައެވެ.

އެ އަސްކަރީ މަރުކަޒަށް ވަދެވުނު މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.

ފަލަސްޠީނުގެ ހައްޤުގައި މަސައްކަތްކުރާ "ޕަލަސްޓައިން އެކްޝަން"އިން ބުނީ، ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންގެ ނަޞްލު ހޭދަކުރުމަށް ޔަހޫދީންގެ ފައުޖުން ހިންގަމުންދާ ޖަރީމާތައް އިނގިރޭސިވިލާތުން ކުށްވެރިކުރިނަމަވެސް، އިނގިރޭސިވިލާތުން ދަނީ ޔަހޫދީންގެ ދަޢުލަތަށް އެހީތެރިކަން ފޯރުކޮށްދީ، އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން ޖާސޫސުކޮށްދީ އަދި ޣައްޒާއަށް ބޮން އަޅާ އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކަށް ތެޔޮ އަޅައިދެމުން ކަމަށެވެ.

އާރުއޭއެފް ބްރައިޒް ނޯޓަން އަކީ އިނގިރޭސިވިލާތުގެ ވައިގެ ސިފައިންގެ މުހިންމު މަރުކަޒެކެވެ. އަދި ސައިޕްރަސްގައި ހުންނަ ސަރަޙައްދީ މައި ވައިގެ ބަނދަރަށް އާރުއޭއެފް އަކްރޮޓިރީއަށް ތެލާއި ސާމާނު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ މަރުކަޒެކެވެ.

ޕަލަސްޓައިން އެކްޝަން ޖަމިއްޔާއިން ބުނީ، ބްރައިޒް ނޯޓަންގެ ދެ މަތިންދާބޯޓު ބޭނުންނުކުރެވޭ ވަރަށް އެކްޓިވިސްޓުން ވަދެ ގެއްލުންދީފައިވާ ކަމަށެވެ.

ފަލަސްޓައިން އެކްޝަން އިން ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނު ފަހުން ވެސް މިފަދަ ހަރަކާތްތަކެއް ހިންގާފައިވާއިރު، އެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހަތިޔާރު އުފައްދާ ކުންފުނިތަކަށެވެ. މިގޮތުން، އެ ޖަމިއްޔާއިން ވަނީ މިދިޔަ މެއި މަހު އަޔަލޭންޑްގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކަށް ވެސް ގެއްލުން ދިނުމުގެ ޒިންމާ ނަގައިފައެވެ.