ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް މިހެން ވިދާޅުވީ، 9 ވަނަ ޗައިނާ-ސައުތު އޭޝިއާ އެކްސްޕޯ އިފްތިތާޙު ކުރުމުގެ ޙަފްލާގައި ތަޤްރީރު ކުރައްވަމުންނެވެ.
"އެކުވެރިކަމާއި ވިލަރެސްކުރުން ދެމެހެއްޓެނިވި ތަރައްޤީއަށް" މި ޝިއާރުގެ ދަށުން މިއަހަރު ބާއްވާ އެކްސްޕޯ ކުރިއަށްދަނީ ޗައިނާގެ ކުންމިންގ ސިޓީގައި 21 ޖޫން 2025 އާ ހަމައަށެވެ.
މިއެކްސްޕޯގެ އިފްތިތާހީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމް ކުރެއްވި ތަޤްރީރުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ އެއް ޤައުމުން އަނެއް ޤައުމަށް އިޙުތިރާމް ކުރާ އަދި ސުލްޙައަށް އިސްކަންދޭ ގުޅުމެއް ދަމަހައްޓާ ދެ ޤައުމު ކަމަށެވެ.
ނާޡިމްގެ ވާހަކައިގައި ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އިޤްތިޞާދީ ގުޅުން ފާހަގަކުރައްވައި، ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް"ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތަކުގެ ކާމިޔާބުކަން ފާހަގަ ކުރެއްވިއެވެ. އޭގެތެރެއިން ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭ ޤާއިމުކުރުމުގައި ޗައިނާގެ އެހީތެރިކަމަށް ޚާއްޞަ ގޮތެއްގައި އަލިއަޅުއްވައި ލެއްވިއެވެ.
މީގެއިތުރުން، ނާޡިމްވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތާއި އެރޮނގުން ކުރިއަށް ގެންދަވާ ސިޔާސަތުތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ.
ނާޡިމްގެ ވާހަކައިގައި ދުނިޔޭގެ މަސްރަޙުގެ ނުތަނަވަސްކަމާއި ހިނގަމުންދާ ހަނގުރާމަފަދަ ކަންކަމުން ރާއްޖެފަދަ ޤައުމުތަކުގެ އިޤްތިޞާދަށް ކުރާ އަސަރުތަކަށްވެސް އިޝާރާތް ކުރެއްވިއެވެ. އަދި އިޤްތިޞާދީ ތަރައްޤީ ކުރިއަށް ގެންދިއުމަށްޓަކައި، ޤައުމުތަކުން ސިޔާސަތުތައް ވިލަރެސްކޮށް، އިޤްތިޞާދީ ގުޅުންތައް ދަމަހައްޓައި، ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތް ކުރުމަށް ޚިޔާލުތަކެއްވެސް ހުށަހެޅުއްވިއެވެ.