ޚަބަރު

އީރާނަށް ވާގިވެރިވާން ހަނގުރާމައިގެ ތެރެއަށް ޙިޒްބު ﷲ ވަނުން ވާނީ ގޯސް ނިންމުމަކަށް: އެމެރިކާ


ޔަހޫދީންނާއި އީރާނާ ދެމެދު ޙަމަލާތައް ބަދަލުކުރަމުންދާއިރު، އީރާނަށް ވާގިވެރިވުމަށް ލުބުނާނުގެ ހަތިޔާރު އެޅި ޖަމާޢަތް، ޙިޒްބުاللهން ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އެމެރިކާއިން ގޮވާލައިފިއެވެ.

ލުބުނާނަށް މި ވަގުތު ޒިޔާރަތް ކުރައްވަމުންދާ އެމެރިކާގެ ޚާއްޞަ މަންދޫބު އަދި އެމެރިކާއިން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ސީރިޔާ ތޯމަސް ބަރަކް ވަނީ ލުބުނާނުގެ އިސްވެރިންނާ ބައިރޫތުގައި ބައްދަލު ކުރައްވައިފައެވެ. ލުބުނާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަދި ޙިޒްބުاللهއާ ގާތް ބޭފުޅެއް ކަމަށްވާ ނަބީޙް ބާރީއާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބަރަކް ވިދާޅުވީ ޙިޒްބުاللهން ސަރަޙައްދީ ހަމަނުޖެހުމުގެ ތެރެއަށް ވަދެއްޖެނަމަ ދެން ވާނެ ގޮތަކާމެދު ނަބީޙް ބާރީ އޭނާއާ ސުވާލު ކުރައްވާފައިވާ ކަމަށެވެ. އެ ސުވާލުގެ ޖަވާބު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން ދެއްވަމުން ޓްރަމްޕް އަދި އެމެރިކާގެ މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު، ސްޓީވް ވިޓްކޮފްއާ ދެ ބޭފުޅުން ވެސް ޙިޒްބުاللهން އެ ފަދަ ފިޔަވަޅެއް އެޅުން ވެގެންދާނީ ވަރަށް ގޯސް ނިންމުމަކަށް ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށް ދެންނެވި ކަމަށް ބަރަކް ވިދާޅުވިއެވެ.

ޙިޒްބުاللهން ވަނީ ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތައް ކުށްެވެރިކޮށް، އީރާނުގެ ސަރުކާރާއާއެކު އެ ޖަމާޢަތް އޮތް ކަމަށް ބުނެފައެވެ. އެ ޖަމާޢަތުން ވަނީ ޔަހޫދީން އިންޒާރު ދީފައިވާ ގޮތަށް އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޚާމަނާއީއާ ދެކޮޅަށް ޙަމަލާއެއްް ދީފިނަމަ ނިކުންނަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ ޖަމާޢަުތުން މައްސަލައިގެ ތެރެއަށް ވަންނާނެ ކަމަށް ސީދާ ބުނެފައެއް ނުުވެއެވެ. ޖޫން މަހުގެ 13ވަނަ ދުވަހު ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފެށުމުން ޙިޒްބުاللهގެ އިސްވެރިޔަކު ވަނީ ޔަހޫދީންނާ ދެކޮޅަށް އެ ޖަމާޢަތުން އަމިއްލަ ޙަމަލާތަކެއް ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޔަހޫދީންނާއި ޙިޒްބުاللهއާ ދެ ފަރާތުން ކުރި ހަނގުރާމައިގެ ސަބަބުން ޙިޒްބުالله ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެ ޖަމާޢަތުގެ ގިނަ ޢަދަދެެއްގެ އިސްވެރިން ޝަހީދުވެ، އެތައް ހާސް ހަނގުރާމަވެރިންނެއްް ވަނީ ޝަހީދު ވެފައެވެ. އަދި ޙިޒްބުاللهގެ ބާރުގެ ދަށުގައި އޮތް ލުބުނާނުގެ ބައެއް ސަރަޙައްދުތައް އެ ޖަމާޢަތަށް ވަނީ ގެއްލިފައެވެ.

އެމެރިކާ މެދުވެރިވެ ޤާއިމު ކޮށްފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެ ޤައުމުން ވަނީ ޝަރުތުތަކެއްގެ މަތިން ޙަމަލާ ބަދަލު ކުރުން ހުއްޓާލައިފައެވެ. އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި ޙިޒްބުاللهން ހަތިޔާރު ތިރިކުރުން ހިމެނެއެވެ.