ޚަބަރު

ޙައްޖު ކޯޕަރޭޝަނުން ސާބިތުކޮށްދިނީ ރައްޔިތުންގެ އޮތް އިތުބާރާއި ޔަޤީންކަން


  • މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ފެންވަރު ރަނގަޅު ޚިދުމަތްދިން އަހަރު

  • މައްކާ އަދި މަދީނާގައި މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިން

ނިމިދިޔަ ޙައްޖު މޫސުމަށް ތައްޔާރުވުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަސައްކަތް ފެށީ ރޭވުންތެރިކަމާއެކުގައެވެ. އެގޮތުން ރަށްރަށުން ޙައްޖުގެ އަޅުކަމަށް އަންނަ މީހުން އަމަލުކުރަންވީ ގޮތް ދުރާލާ އައީ އަންގައިދެމުންނެވެ. ޙައްޖު ދަތުރަށް ބުރޫ ނާރާގޮތަށް ޙައްޖާޖީންނަށް ދިޔައީ އިރުޝާދު ދެމުންނެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށް މުޅިން އަލަށް ދަތުރުކުރާ މީހުންނަށްވެސް އަޅުކަން އަދާކުރާނެގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޒަމާނާ ޓެކްނޮލޮޖީއާ ފައި ހަމަކޮށް މުޅި ޙައްޖު އޮޕަރޭޝަނުގައި އެ ޓެކްނޮލޮޖީ ބޭނުންކުރިއެވެ. އޭގެ ހެއްކަކީ ޙައްޖު ވެރިއަކަށް މަގު އޮޅިއްޖެ ހާލަތުގައި އެމީހާހުރި ތަން ދެނެގަންނާނެ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.

ޙައްޖުވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް ދުރާލާ ބާއްވާފައިވެއެވެ. އެއްހާސް ޙައްޖުވެރިން ދަތުރުކުރާއިރު އެއިން އެއްވެސް މީހަކަށް މައުލޫމާތު ނުލިބި ނުހުންނާނެކަން ވަނީ ޔަގީންކޮށްފައެވެ.

ދިވެހިރާއްޖޭގެ ޙައްޖުގެ ނިޒާމް ހަރުދަނާކޮށް ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން މައްކާ ރޫޓު ތަޢާރަފްކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ.

ނަތީޖާއެއްގެ ގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިއަހަރު ޙައްޖުގެ އަޅުކަމަށް، ދިވެހި ޙައްޖުވެރިން ފުރީ އެ އިނިޝިއޭޓިވްގެ ދަށުންނެވެ. މި ޚިދުމަތާއެކު ދިވެހި ޙައްޖުވެރިންނަށް ވަރަށް ބޮޑު ލުޔެއް ހޯދައިދީފައިވެއެވެ.


މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މަސައްކަތްކުރަނީ ދިވެހި ޙައްޖުވެރިންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި ރަނގަޅު ފެންވަރުގެ ޚިދުމަތްތަކެއް ދިނުމަށެވެ.

ރާއްޖޭގެ އާންމު ރަށެއްގައި ދިރިއުޅޭހާ މީހުންގެ އާބާދީއާއި އެއްވަރުގެ ޢަދަދަކަށް ދިވެހިރާއްޖެއިން މީހުން ޙައްޖަށް ދިޔައެވެ. އެ އެންމެންނަށް ރާއްޖޭގެ ސިއްހީ މަރުކަޒަކުން ލިބޭނެ ފެންވަރުގެ ސިއްހީ ޚިދުމަތް މުޅި ހައްޖު ދަތުރުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ. ސިއްހީ ޚިދުމަތް ދިނުމަށް ޤާބިލު ޑޮކްޓަރުންގެ ޓީމަކާއި ނަރުހުންގެ ޓީމެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު ހަރަކާތްތެރިވަމުންދިޔައެވެ.

ހުރިހާ ވަގުތަކުވެސް ދިވެހިންގެ ރަހަތަކާ ގުޅޭ ކެއުންތައް ދިވެހި ޙައްޖާޖީން ތިބި ހޮޓަލުން ލިބެން ހުއްޓެވެ. ހުރިހާ ވަގުތަކުވެސް ޙައްޖުވެރިންނަށް ރަނގަޅު ފެންވަރުގެ ކެއުން ލިބެން ހުއްޓެވެ.

މީގެ ކުރިން މިނާގައި، އަދި އަރަފާތު ބިމުގައި ދިވެހި ޙައްޖުވެރިން ތިބެނީ އާދައިގެ ފޭލިގެތަކުގައެވެ. މިފަހަރު ދިވެހި ޙައްޖުވެރިންނަށް ލިބުނީ ފެންވަރު ރަނގަޅު ފޭލިގެތަކެވެ. އަރާމުކޮށް ތިބެވޭ ފެންވަރުގެ ސޯފާ އެނދުތަކާއި ފިނިކުރި ފޭލިގެތަކުން ދިވެހި ޙައްޖުވެރިން ކުރަމުން އައި ތަކުލީފުތައް ލުއިކޮށްދެވުނެވެ.

މިއަހަރު ދިވެހި ޙައްޖުވެރިން ތަޖުރިބާކޮށްފައިވަނީ މަތީ ފެންވަރު ރަނގަޅު ޚިދުމަތްތަކެކެވެ. ޚާއްސަކޮށް ދަތުރުފަތުރު ކުރުމުގައި ޙައްޖުވެރިންނަށް ފަހިކޮށްދީފައިވާ ލުއިފަސޭކަން ފާހަގަކުރެވެއެވެ.

އެގޮތުން މިއަހަރު ފުރަތަމަ ފަހަރަށް ޙައްޖުވެރިން ހައިސްޕީޑް ރޭލުގައި މައްކާއިން މަދީނާއަށް ދަތުރުކޮށްފައިވެއެވެ. މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެއްހާސް ހައްޖާޖީންގެ ދަތުރު ވަރުބަލިކަން އިހުސާސް ނުކުރެވޭނެ ގޮތަށް ދިގު ދަތުރުތައް ވަނީ ކުރުކޮށްދީފައެވެ. މައްކާއިން މަދީނާއަށް ދިޔަ ދަތުރަކީ ހައި ސްޕީޑް ރޭލުގައި، ފެންވަރު ރަނގަޅު އަރާމު ގޮނޑީގައި، ތިބެގެން ކުރި އަވަސް ދަތުރެކެވެ.

ކޮންމެއަކަސް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދިވެހި ޙައްޖާޖީންނަށް މިއަހަރު ފޯރުކޮށްދިން ޚިދުމަތްތަކަކީ އޯގާތެރި އަތްތަކަކުން ދިން ހިތްހަމަޖެހޭ ޚިދުމަތްތަކެކެވެ. މި ޚިދުމަތްތައް ދިވެހި ޙައްޖުވެރިން ބަލައިގަތީ ޝުކުރިވެރިކަމާއެކުގައެވެ.