ޚަބަރު

މޫޑްރިކް އަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އަތުވެދާނެ


ޗެލްސީ އަށް ކުޅެމުންދާ ޔޫކްރޭންގެ ފޯވަޑް މިޚައިލޯ މޫޑްރިކް ކުޅިވަރުގައި މަނާ ބޭހަށް ޕޮޒިޓިވް ވެފައިވާ މައްސަލައިގައި އޭނާއަށް ހަތަރު އަހަރުގެ ސަސްޕެންޝަނެއް އަތުވެދާނެކަމަށް ބެލެވިއްޖެ އެވެ.

މަނާ ބޭހަށް ޕޮޒިޓިވްގެ މިދިޔަ ޑިސެމްބަރ މަހު އިނގިރޭސި އެފްއޭ އިން ވަނީ މުޑްރީކް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފަ އެވެ. އަދި އޭނާގެ މައްސަލަ އިތުރަށް ބެލުމަށްފަހު އެ މައްސަލައިގައި ފިޔަވަޅު އެޅުމަށް އެފްއޭ އިން ވަނީ ނިންމާފަ އެވެ.

ޑޯޕިން ގަވާއިދުތައް ބުނާ ގޮތުން ގަސްތުގައި މަނާ ބޭސް ބޭނުން ކޮށްފިނަމަ އެ ފަރާތެއް ހަތަރު އަހަރު ދުވަހަށް ސަސްޕެންޑް ކުރެވޭނެ އެވެ.

އުމުރުން 24 އަހަރުގެ ޔޫކްރޭން ފޯވަޑް, މުޑްރީކް މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ ރެންޑަމް ސާމްޕަލް އަކުންނެވެ. ނަމަވެސް އޭރު އޭނާ ބުނެފައިވަނީ އެއީ ބޮޑު ހައިރާންކަމެއް ލިބިގެންދިޔަ ކަމެއް ކަމަށާއި އޭނާ ދުވަހަކުވެސް މަނާ ބޭހެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ 28 އިން ފެށިގެން ޗެލްސީއަށް އެއްވެސް މެޗެއް ކުޅެފައިނުވާއިރު ޑިސެމްބަރ 1 ވަނަ ދުވަހުން ފެށިގެން ޗެލްސީގެ އެއްވެސް މެޗެއްގެ އިތުރުން ޓްރެއިނިން ސެޝަނެއްގައިވެސް އޭނާ ބައިވެރިވެފައެއް ނުވެއެވެ. އަދި ޗެލްސީ އޭނާއަށް މި ކަމުގައި ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފަ އެވެ.

އިނގިރޭސި އެފްއޭ އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ކުޅިވަރުގައި މަނާ ބޭހަށް މުޑްރީކް ޕޮޒިޓިވް ވެފައިވާތީ އެންޓި ޑޯޕިން ގަވާއިދުގެ ދަށުން އޭނާއަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ގަސްތުގައި މަނާ ބޭހެއް ބޭނުންކޮށްފައިނުވާނެކަން މުޑްރީކް އަށް ސާބިތުކޮށްދެވިއްޖެ ނަމަ އޭނާއަށް ކުރު ސަސްޕެންޝަނެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން މީގެ ކުރިން ފްރާންސްގެ މިޑްފީލްޑަރ ޕޯލް ޕޮގްބާ ވެސް މަނާ ބޭހަށް ޕޮޒިޓިވްވެ ހަތަރު އަހަރުގެ ސަސްޕެންޝަނެއް އައުމުން އޭނާ އެ މައްސަލަ އިސްތިއުނާފުކޮށް ހަތަރު އަހަރުގެ ސަސްޕެންޝަން ވަނީ 18 މަސް ދުވަހަށް ކުޑަކޮށްފަ އެވެ.

މުޑްރީކް ޗެލްސީ އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ޝާހްތާރު ޑޮނެސްކް އިން 89 މިލިއަން ޕައުންޑުގެ ފީއަކަށެވެ. އޭނާ ޗެލްސީ އަށް ކުޅުނު 73 މެޗުގައި ވަނީ 10 ލަނޑު ޖަހާފަ އެވެ.