ޚަބަރު

ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރަނީ


  • މިސްކިތުގެ މަސައްކަތް 2 އަހަރުތެރޭ ނިންމަން ޖެހޭނެ

  • މިސްކިތުގައި ޢިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް އެޅުމަށް ހަމަޖެހިފައިވޭ

ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް ޝައުޤުވެރިކަން ފާޅުކުރި ފަރާތަކާ ޙަވާލުކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތައްކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ވިލިމާލޭ ޒަމާންވީ މިސްކިތެއްކަމުގައިވާ މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމަށް، ހެޔޮ އެދޭ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ މިސްކިތް ބިނާކުރުމަށް އެފަރާތާ ޙަވާލުކުރުމަށް ނިންމާފައިވާކަމަށެވެ.

މިސްކިތް ބިނާކުރުމަށް އެ ފަރާތާ ޙަވާލުކުރަން ނިންމާފައިވަނީ 2 އަހަރުތެރޭ މަސައްކަތް އެއްކޮށް ނިންމާ ޙަވާލުކުރާގޮތަށްކަމަށް ވެސް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ، މަސްޖިދުއްސަލާމް މިސްކިތް ހުރި ތަނުގައި ބިނާކުރާ އައު މިސްކިތުގައި ޤުރުއާން ކިޔަވައިދޭ ކްލާސްތަކާއި ޢިލްމީ އެހެނިހެން ކަންކަމަށް ބޭނުންކުރެވޭ ކްލާސްތައް ހިމެނޭގޮތަށްކަމަށެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިސްކިތް ތަރައްޤީކުރުމާއި މިސްކިތްތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތްތަކަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްތަކެކެވެ.