ޚަބަރު

އެކްސިޑެންޓަށްފަހު އެންޓޯނިއޯ އަލުން ކުޅުމުގެ ތެރެއަށް


މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހިނގި ކާރު އެކްސިޑެންޓަށްފަހު ވެސްޓް ހޭމް ޔުނައިޓެޑުގެ ފޯވާޑް މިކޭލް އެންޓޯނިއޯ އަލުން ކުޅުމުގެ ތެރެއަށް އަތުވެއްޖެއެވެ.

ލަންޑަނުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓުގެ ސަބަބުން އުމުރުން 35 އަހަރުގެ އެންޓޯނިއޯގެ ފައި ވަނީ ބިނދިފަ އެވެ. އަދި ތިން ހަފްތާ ވަންދެން އޭނާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާ ދީފަ އެވެ.

އެންޓޯނިއޯ ދުއްވާފައި ދިޔަ އޭނާގެ ފެރާރީ ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އަދި ފަޔަރ އެންޑް ރެސްކިއުގެ މީހުން އެތަނަށް ދިޔައިރު އެންޓޯނިއޯ އަށް އަނިޔާވެ އޭނާ އޮތީ ކާރު ތެރޭގައި ތާށިވެފަ އެވެ.

ކާރު އެކްސިޑެންޓަށްފަހު ވެސްޓްހޭމް ޔުނައިޓެޑަށް އެންޓޯނިއޯ މެޗެއް ކުޅެފައިނުވި ނަމަވެސް އޭނާ ވަނީ މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި ގުއަޓެމާލާ އާއި ދެކޮޅަށް ޖެމެއިކާ ކުޅުނު މެޗުގެ 85 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ.

މި ޖޫން މަހުގެ ނިޔަލަށް ވެސްޓްހޭމް ޔުނައިޓެޑާއިއެކު އެންޓޯނިއޯ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު, ވެސްޓްހޭމް އިން ބުނެފައިވަނީ އެއްބަސްވުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާނީ އޭނާގެ ހާލަތު ރަގަޅުވުމުން ކަމަށާއި އެ އަނިޔާއިން އަރައިގަތުމަށް އެންޓޯނިއޯ އަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް އެ ކްލަބުން ދޭނެ ކަމަށެވެ.

2015 ވަނަ އަހަރު ނޮޓިންހަމް ފޮރެސްޓް އިން ވެސްޓްހޭމް ޔުނައިޓެޑާއި ގުޅުނު އެންޓޯނިއޯ ވަނީ އެ ކްލަބަށް ކުޅެދިން 268 މެޗުގައި 68 ލަނޑު ޖަހާފަ އެވެ. އޭނާ އަކީ އެ ކްލަބުގެ ތާރީހުގައި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.