ޚަބަރު

އިތުބާރުހުރި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުން: ރައީސް ޑރ.ވަޙީދު


  • މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް ނިއު ޔޯކްގައި ވަނީ ބާއްވާފައި

  • މި ފޯރަމްގެ ތެރެއިން ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތައް ހިއްސާކޮށްފައިވޭ

އިތުބާރުހުރި އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނިއުޔޯކްގައި ބޭއްވި މޯލްޑިވްސް ޓޫރިޒަމް އެންޑް އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނިއު ޔޯކްގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ މީގެ ކުރިން އިޤުތިޞާދީ ގޮތުން ރާއްޖެއިން ހޯދާފައިވާ ބައެއް ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން ދިމާވި ކޮންމެ ގޮންޖެހުމަކުން އަރައިގަނެ، ރާއްޖެއަކީ ސަރަހައްދީ ގޮތުން އެކަނިވެރި ޤައުމެއް ނަމަވެސް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަޤުބޫލު މަންޒިލަކަށް ރާއްޖެވީ ގޮތުގެ މައްޗަށް ރައީސް ވަޙީދު އަލިއަޅުވާލެއްވިއެވެ. އަދި ކޮވިޑު 19ގެ ވަބާއިންވެސް އަވަސް ގޮތެއްގައި ރާއްޖެއިން އަރައިގަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަޙީދު ވަނީ ރާއްޖޭގައި އިންވެސްޓްކުރެވެން ހުރި ފުރުޞަތުތަކާއި ރާއްޖޭގެ އިޤުތިޞާދާއި މާލިއްޔަތަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިވަގުތު ރާއްޖޭގެ އިޤުތިޞާދު އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި އިންޓަނޭޝަނަލް މޮނެޓަރީ ފަންޑުން އަންދާޒާކޮށްފައިވާ ގޮތުން ރާއްޖޭގެ އިޤުތިޞާދު މިއަހަރު 5 އިންސައްތަ ކުރިއަރާނެ ކަމަށެވެ.

ރައީސް ވަޙީދު ވިފާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ އިސްލާޙީ މަސައްކަތްތަކާއެކު އިންވެސްޓަރުންނަށް ފަހި މޫސުމީ ބަދަލުތަކަށް ވިލުންތެރި އިތުބާރާއި ހާމަކަން ބޮޑު މާޙައުލެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.

ރައީސް ވަޙީދު ވިދާޅުވީ ކުރިމަގުގައިވެސް މާލީ އަދި އިޤުތިޞާދީ ގޮތުން ރާއްޖެއިން ޙާސިލުކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވި "ވިޝަން 2040" ގައި ހިމެނޭ ލަނޑުދަނޑިތަކާ ބެހޭ ބައެއް މަޢުލޫމާތު ރައީސް ވަޙީދު ޙިއްސާކުރެއްވިއެވެ. "ވިޝަން 2040"އަކީ ރާއްޖޭގެ 75 ވަނަ މިނިވަން ދުވަހުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނުމަށް އަމާޒު ހިފާފައިވާ ތަޞައްވުރެކެވެ. މި ތަޞައްވުރުގެ ތެރެއިން ރާއްޖޭގެ އިޤުތިޞާދު ސިންދަފާތުވެ، ވިލުންތެރިވާނެކަމަށް ރައީސް ވަޙީދު ވިދާޅުވިއެވެ.

ރައީސް ވަޙީދުގެ ވާހަކަފުޅުގައި ރާއްޖޭގެ މާލީ ސިނާޢަތު ކުރިއެރުވުމަށް ކުރަމުންގެންދާ ބައެއް މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެ ގޮތުން މޯލްޑިވްސް ފައިނެންޝަލް ސެންޓަރު އެފެއްދެވުމާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރުމާއި ދެމެހެއްޓެނިވި އަރބަން ސެންޓަރުތަކެއް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިއު ޔޯކްގެ އިތުރުން ފުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމްތައް ދަނީ ބާއްވަމުންނެވެ. މި ފޯރަމްތަކުގެ މަޤުޞަދަކީ ރާއްޖެއަށް އިންވެސްޓަރުން ގެނެސް، އިޤުތިޞާދު ފުޅާކުރުމެވެ. މިއީ ރާއްޖޭގެ އިޤުތިޞާދު ވަރުގަދަކޮށް، މާލީ އަދަވަޅުތަކުން އަރައިގަތުމަށް މި ސަރުކާރުން ފަށްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.