ޚަބަރު

އީރާނުގެ ދައުލަތުގެ މީޑިޔާއަށް ޔަހޫދީން ޙަމަލާ ދީފި


އީރާނުގެ ދައުލަތުގެ މީޑިޔާއަށް ޔަހޫދީން ޙަމަލާ ދީފިއެވެ.

ޔަހޫދީންގެ މިސައިލް ހަމަލާ އީރާނުގެ ދައުލަތުގެ ޓީވީއަށް އަމާޒު ކުރި ވަގުތު އެ ޓީވީގެ ނޫސްވެރިއެއް ކަމަށްވާ ސަހަރު އިމާމީ ދިޔައީ ޚަބަރެއް ހުށަހަޅައިދެމުންނެވެ. ސްޓޫޑިޔޯ ހުރި އިމާރާތަށް މިސައިލް އެރުމާއާއެކު، ވަރުގަދަ ގޮވުމެއްގެ އަޑު އިވި މުޅި އިމާރާތް ވަނީ ގުޑައިގެން ގޮސްފައެވެ. އަދި މުޅި ސްޓޫޑިޔޯ ތެރެއަށް ވަނީ ކުނޑި ފަައިބަން ފަށާފައެވެ. އެއާއެކު ވަގުތުން ދުރަށް ދައްކަމުން ދިޔަ ހުށަހެޅުން ވަނީ ހުއްޓާލައިފައެވެ.

އީރާނުގެ ޚަބަރުތަކުން ބުނީ ސަހަރު އަދި ސްޓޫޑިޔޯގައި ތިބި އެހެން މީހުންނަށް ޙަމަލާގައި ޒަޚަމްވެފައި ނުވާ ކަމަށެވެ.

ޔަހޫދީން އީރާނުގެ ދައުލަތުގެ މީޑިޔާއަށް ދިން ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުންނަށް ޒަޚަމްވާނެ ކަމަށް ބެލެވެއެވެ. ޔުނިވަސިޓީ އޮފް ތެހްރާންގެ ބައިނަލްްއަޤްވާމީ ގުޅުންތަކާބެހޭ ޕްރޮފެސަރެއް ކަމަށްވާ ފުއާދް އިޒާދީ ވިދާޅުވީ ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ޝަހީދުވުން އެކަށީގެންވާ ކަމަށެވެ. އެ އިމާރާތަކީ ވަރަށް ބޮޑު އިމާރާތެއް ކަމަށާއި، ހަތަރު ފަންގިފިލާގެ އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 300އެއްހާ މީހުން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. ދައުލަތުގެ ޓީވީ ހިންގަނީ އެ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ.

މި ޙަމަލާގެ ސަބަބުން ޔަހޫދީންނާއި އީރާނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް ބެލެވެއެވެ. ހުކުރު ދުވަހު ޔަހޫދީން އިސްވެ އީރާނަށް ޙަމަލާ ދޭން ފެށުމާއެކު އީރާނުން ވެސް ދަނީ ޔަހޫދީ ދައުލަތަށް ވަރުގަދަ ޙަމަލާތައް އަމާޒު ކުރަމުންނެވެ.