ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު، ދިވެހި ޙައްޖުވެރިން 3ވަނަ ގުރޫޕު ރާއްޖެ އަތުވެއްޖެއެވެ. ޙައްޖުވެރިންގެ 3ވަނަ ގުރޫޕު ރާއްޖެ އައީ މިއަދު މެންދުރު 13:23ގައެވެ.
ޙައްޖުވެރިންގެ 3ވަނަ ގުރޫޕުގައި 255 ޙައްޖުވެރިން ހިމެނެއެވެ. މި ގުރޫޕު ރާއްޖެ އައިސްފައިވަނީ ސަޢުދިއާ އެއަރލައިންގެ ބޯޓެއްގައެވެ. މި ބޯޓު ފުރީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. މިއީ މަދީނާ މަގުން ސީދާ ރާއްޖެ އައުމަށް ޙައްޖުވެރިން ދަތުރުކުރާ ދެވަނަ ފަހަރެވެ. މިކަން ފަހިވެފައިވަނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ރާއްޖެއަށް ފަހިވެފައިވާ ލުއިފަސޭހަ އިންތިޒާމުތަކުގެ ތެރެއިންނެވެ.
ޙައްޖުގެ އަޅުކަމަށްފަހު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފަހު ފްލައިޓް އައުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 11 ޖަހާ ކަންހާއިރުއެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ހުކުރު ދުވަހު އައިރު، 2 ވަނަ ގްރޫޕް އައީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. 3 ވަނަ ފްލައިޓު ރާއްޖެ އައުމުން މިހާރު 700 އަށްވުރެ ގިނަ ޙައްޖުވެރިން އެނބުރި ރާއްޖެ ވަނީ އައިސްފައެވެ.
މީގެ ކުރީގެ އަހަރުތަކުގައި ދިވެހި ހައްޖުވެރިން މަދީނާއަށް ޒިޔާރަތްކުރުމަށްފަހު، އެނބުރި މައްކާއަށް ދަތުރުކޮށް، މައްކާއިން ދަނީ ޖިއްދާއަށެވެ. މިގޮތުން މައްކާއާއި މަދީނާއާއި ދެމެދު 6 ގަޑިއިރުގެ ދަތުރެއް ކުރެއެވެ. އަދި މައްކާއާއި ޖިއްދާއާއި ދެމެދު 2 ގަޑިއިރުގެ ދަތުރެއްކުރަންޖެހެއެވެ. ނަމަވެސް މި އަހަރު ދިވެހި ޙައްޖުވެރިން އަންނަނީ ސީދާ މަދީނާއިންނެވެ.
ކުރީ އަހަރުތަކޭވެސް އެއްގޮތަށް މިއަހަރުވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖު ކޯޓާއެވެ. މީގެ ތެރޭގައި ސަރުކާރުގެ އެހީގައި ޙައްޖަށް ގެންދިޔަ، އަމިއްލައަށް ޙައްޖަށް ދިއުމުގެ ކެރިފޯރުންތެރިކަން ލިބިފައިނުވާ 50 މީހުންވެސް ހިމެނެއެވެ. މި ހުރިހާ ކޯޓާއެއްވެސް ދޫކޮށްފައިވަނީ، ޙައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.
މިއަހަރު ހައްޖަށްދިޔަ ފަރާތްތަކަށް ސަރުކާރުން ވަނީ ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސަވާފައެވެ. އެ ގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ޖިއްދާ އެއަރޕޯޓުގެ އިންތިޒާމްތަކާއި ދަތުރުފަތުރާއި ކެއުމުގެ އިންތިޒާމްތައް ކުރިއަށްވުރެ މިއަހަރު ފުރިހަމަކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ޙައްޖުވެރިން ރާއްޖެ އަންނައިރު، އަރިދަފުސް ރޯގާ ޖެހި، ކެއްސައި ކިނބިހިއަޅާއިރު އަނގަމައްޗާއި ނޭފަތް ކުޑަރުމާލެއް ނުވަތަ ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ކެއްސާއި ކިނބިހި އަޅާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.