ޚަބަރު

ހޮންގކޮންގގައި ރާއްޖޭގެ ނެޓްބޯޅަ ޓީމުތަކުން ހޯދި ކާމިޔާބީއަށް ކުޅިވަރު ވަޒީރު މަރުހަބާ ދަންނަވައިފި


ހޮންގކޮންގގައި ބޭއްވި ދެ މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ ސީނިއާ އަދި 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީއަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު މަރްހަބާ ދަންނަވައިފިއެވެ.

ހޮންގކޮންގ ޗެލެންޖްކަޕް 25 ގައި ވާދަކޮށް ސީނިއާ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ހޮންގކޮންގ ބައުހީނިއާ ކަޕުގައި ވާދަކޮށް 21 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.

ވަޒީރު ވަނީ އިއްޔެ ކުޅިވަރު ވުޒާރާގައި މި ކުޅުންތެރިންނާއި ޓީމުގެ ކޯޗުންނާއި އޮފިޝަލުންނާއި ބައްދަލުކުރައްވާފައެވެ. އަދި ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސް ދެއްވާ ކުރިޔަށް ހުރި މުބާރާތްތަކުގައިވެސް ރަނގަޅު ނަތީޖާ ހޯދުމަށް އެދިވަޑައިގެންފައެވެ.

މިމަހުގެ 5-8 އަށް ހޮންގކޮންގގައި ކުރިއަށްދިޔަ ހޮންގކޮންގ ޗެލެންޖް ކަޕުގައި ރާއްޖޭގެ ސީނިއަރ ނެޓްބޯޅަ ޓީމުންވަނީ މުބާރާތުގެ ދެވަނަ ހޯދިއިރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހޮންގކޮންގއެވެ. ހޮންގކޮންގަކީ އޭޝިއާގެ ނެޓްބޯޅައިގެ ރޭންކިންގެ ހަތަރުވަނައެވެ.

ރާއްޖޭގެ 21 އަހަރުންދަށުގެ ނެޓްބޯޅަ ޓީމު ވަނީ ހޮންގކޮންގ ބައުހީނިއާ ކަޕުގައި ވާދަކޮށް ޗައިނީޒް ޓައިޕޭ ބަލިކުރުމަށްފަހު މުބާރާތުގެ ތިންވަނަ ކަށަވަރުކޮށްފައެވެ. ރާއްޖޭގެ އިތުރުން ދެން މިމުބާރާތުގައި ވާދަކުރީ މުބާރާތް ބޭއްވި ގައުމުކަމަށްވާ ހޮންގކޮންގ، ޗައިނީޒް ޓައިޕޭ އަދި އިންޑިއާއެވެ.